ކައުންސިލް ލޮގިން

ދޮންފަނު

މިރަށަކީ އަތޮޅުވެރިކަންކުރާ ރަށް އޭދަފުއްޓާ އެންމެ 07 މޭލު ދުރުގައި އޮންނަ އަދި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ބިމުގެ ގޮތުން ކުޑަ ރަށަކަށްވީ ނަމަވެސް ފަޅުގެ ގޮތުން ބޮޑު ރަށެކެވެ.. މިރަށުގެ ރައްޔިތުން ދިރިއުޅުމަށްކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމާއި، ރިޒޯޓް ވަޒީފާ އަދާކުރުމާއި އަދި ފަންގިވިނުމާއި ރޯނުވެށުމުގެ މަސައްކަތެވެ. މިރަށުމީހުން ކުރާ މަސްވެރިކަމުގެ ތެރޭގައި ފަރު މަސްވެރިކަމާއި، ދޮށީގެ މަސްވެރިކަން ހިމެނެއެވެ. އެންމެ ގިނަ މީހުން ކޮށްއުޅެނީ ފަރުމަހުގެ މަސްވެރިކަމެވެ. މީގެ އިތުރުން އާމްދަނީ ހޯދުމުގެ ގޮތުން މިރަށުގެ ބައެއް މީސްމީހުންވިޔަފާރި ކުރުމާއި ސައިހޮޓާ ހިންގުންފަދަ މަސައްކަތާއި މަދުބަޔަކު ރިސޯޓު ތަކުގައިވެސް މަސައްކަތް ކުރަމުން ދެއެވެ.
މިރަށަކީ މިއަތޮޅުގެ އެންމެ އޮޑި ދޯނިފަހަރު ގިނަ އެއްރަށެވެ. މިރަށުގައި 530*230 ފޫޓުގެ ބަނދަރެއް މިހާރުވަނީ އަމިއްލަ ފަރާތެއްގެ ދީލަތި އެހީގައި ހައްދަވާދެއްވާފައެވެ. 01 ޖެނުއަރީ 2002 ގައި މަސައްކަތް ފެށި މިބަނދަރަކީ ރަނގަޅު ފެންވަރަކަށް އަމިއްލަ ފަރާތަކުން ހައްދަވާ ދެއްވާފައިވާ ބަނދަރެކެވެ.
މިރަށަކީ ޒަމާނުއްސުރެ ފެށިގެން މިއަދާ ހަމައަށްވެސް ޘަޤާފީ އެކިއެކި ކުޅިވަރުތައް ކުޅެމުންދާ ރަށެކެވެ. މިރަށުގައި ކުޅެމުންދާ ކުޅިވަރުގެ ތެރޭގައި ބޮޑުބެރު،ތާރަ ލަނގިރި، މާފަތި ނެށުން، ދަނޑި ޖެހުން ހިމެނެއެވެ.

ރަށުގެ ބޮޑުމިން މިސާލު: 17 ހެކްޓަރ
ރަށުގެ އާބަދީ : ރަށުގެ އާބާދީއަކީ ޖުމްލަ 528 އެވެ. އަންހެން - 274 ފިރިހެން ވަކިން - 254 ( 2014 ޖޫން މަހުގެ ނިޔަލަށް )
65 އަހަރުން މަތީގެ މީހުން އަދަދު: 23 މީހުން
އެކަނިވެރިމައިން- 02 ( ސަރުކާރުން ފައިސާ ދެއްވާ ފާރާތްތަކުގެ ޢަދަދު )
ނުކުޅެދޭ ކުދިންގެ ޢަދަދު - 04 ( ސަރުކާރުން ފައިސާ ދެއްވާ ފަރާތްތަކުގެ އަދަދު )

ސިއްޙަތު

މިރަށުގައި ސިއްޙީ މަރުކަޒެއްގެ ނަމުގައި ތަން ހުރި ކަމުގައިވީނަމަވެސް ޑޮކްޓަރެއްގެ ޚިދުމަތް އާއްމުކޮށް ލިބެން ނެތުމުން ވަގުތަށްވަގުތަށް ދޭންޖެހޭ ފަރުވާ ދެވެން ނެތުމާއި އާދައިގެ ކުދި ކުދި ބަލިބައްޔަށް އެކަށީގެންވާ ފަދަގޮތަކަށް ބޭސް ލިބެން ނެތުމުން ސިއްޚީ ހާލަތު ރަގަނޅު ކަމަކަށް ދެންނެވޭކަށް ނެތް.
ސިއްޚީ މަރުކަޒުގެ އަދަދު: 01
ޑޮކްޓަރުންގެ އަދަދު: ނެތް
ނަރުހުންގެ އަދަދު: ނެތް
ބޭސްފިހާރަ: ނެތް

ތައުލީމް

ކުދިންގެ އަދަދު: 77
ދިވެހިޓީޗަރުންގެ އަދަދު: 10
ބިދޭސީ ޓީޗަރުންގެ އަދަދު: 08
ކިޔަވައިދޭ އެންމެ މަތީ ގްރޭޑް : ގްރޭޑް 10

ދޮންފަނުގެ ތާރީޚް
މި ރަށުގައި ދިރިއުޅެމުންދަނީ ބ. ހޮރަބަދޫ ( މިހާރުގެ ރޯޔަލް އައިލަންޑް ރިޒޯޓް ) ދަރިކޮޅުގެ މީހުންނެވެ.ހޮރަބަދޫ ދޫކޮށް ދޮންފަނަށް އައިކަމަށްވަނީ އިހުގެ މުސްކުޅިން ބުނަނީ 7 ކައިވެންޏެވެ. ނުވަތަ 7 އާއިލާގެ މީހުންނެވެ. މި މީހުން އެރަށްދޫކޮށް އެރަށުން އައީ އެރަށުގައި ހުދުބަލި ނުވަތަ ޖުޒާންބަލި ފާޑު ފާޑުގެ ބަލިތައް ގިނަވެ އާދަޔާ ޚިލާފަށް ރަށުތެރެ ނާމާންވެ މީހުން މަރުވަމުންދާތީކަމަށް އިހުގެ ދުވަސްވީ މުސްކުޅިން ބުނެއުޅެއެވެ. ހޮރަބަދޫ ދޮންފަނަށް ބަދަލުވި މީހުން ބަދަލުވީ މީހުން މިރަށްއައިސްފައިވަނީ 1252 ހ ވަނަ އަހަރުގެ ތެރޭގައިކަން ދޭހަވަނީ ހޮރަބަދޫން ދޮންފަނަށް ބަދަލުވީ މީހުން މާޅޮސް ދެކުނުބުރީ އިރުމަތީ ފިނޮޅަހޭކިޔާ ރަށްގަނޑު ވަގުފުކޮށް ދެއްވާފައިވަނީ މި އަހަރުގެ ތެރޭގައި ކަމަށްވާކަމެވެ. އެފަތްކޮޅުން ދޭހަވާ ގޮތުގައި ފިޅޮސްދެއްވާފައިވަނީ ހޮރަބަދޫ ފަޅުކޮށްފައި ދޮންފަނަށް އައި މީހުން ކައި ، ބޮއެ ވަރުވާ ދިނުމާއި އޭރު ދިވެހިރާއްޖޭގެ ތަހުތުގައި އިންނެވި އައްސުލްތާން މުޙައްމަދު މުއީނުއްދީން ދޮންފަނުގައި ބެހެއްޓެވި މިސްކިތުގެ ބޯގަޔަށާއި ، ލޮނުޒިޔާރަތްކޮޅު ބެލެހެއްޓުމަށްކަން އެނގެއެވެ. ލޮނުޒިޔާރަތްކޮޅަށް ކޮންމެ އަހަރަކު 11 ކަނޑިބައި ވެއްޔާއި 50 ދުނބުރި ދަނޑި އާއި 200 ގަނޑު ބިތްފަނާއި 25 އަޑުބާ ކާށިތެޔޮ ގާތްގަނޑަކަށް 1370 ގެ އަހަރުގެ ތެރޭތަކާއި ހަމައަށްވެސް ވުޒާރަތުލް އަވްޤާފަށް ދައްކަމުން އައިސްފައިވެއެވެ. ދޮންފަނުގައި މުޙައްމަދު މުޢީނުއްދީން ބަންޑާރައިން ބިނާކޮށްދެވި މިސްކިތަކީ ހިރިގަލާއި ހައިވަކަރުން ، ބިނާކޮށް ފަނުން ހިޔާކޮށްފައިވާ މިސްކިތެކެވެ. މިސްކިތް ހުޅުވައިދެއްވީ ހިޖްރައިން 1261 ވަނަ އަހަރުއެވެ. މިސްކިތުގެ ފުރާޅުގައި ކޮންމެސް ގޮތަކުން އަލިފާން ރޯވެގެން ފުރާޅު އެނދިކަމާށާއި މިސްކިތުގެ ވަނޑާންގަނޑަށް ކޮންމެ ވަރަކަށް ލިބުނު ކަމަށް އިހުގެ މުސްކުޅިން ބުނެއުޅެއެވެ. ނަމަވެސް މި މިސްކިތުގެ ( މިސްކިތުގެ ތަކެތިން ) މަރާމާތުކޮށްގެން ކަމުދާވަރު ނުވާތީ އެ މިސްކިތް އަލުން މަރާމާތުކޮށްގެން 1988 ހަމައަށް ބޭނުން ކުރިއެވެ. ހޮރަބަދޫ ދޮންފަނަށް ބަދަލުވީ މީހުންގެ ތެރެއިން ޚާއްޞަކޮށް ފާހަގަ ކުރެވުނީ "ބޮޑުކާށި ޢަލީ " ނުވަތަ އަލި ތަކުރުފާނުގެ އާއިލާއި އާމިނާތަކުރުފާނުގެ އާއިލާކަމަށް ވެއެވެ. ބޮޑުކާށި އަލީ އަކީ ހޮރަބަދޫން ދޮންފަނަށް ބަދަލުވި ބަދަލުމުގައި އެކަމުގެ އެންމެ އިސްނަންގަވައިގެން އުޅުއްވި ބޭކަލެކެވެ. އަދި ކުރިން ކުރިން ދެންނެވި ހައިވަކަރުން އަޅާފައިވާ މިސްކިތް އެޅުމުގައި ކިހާދުއްފަރަށް ނުވަތަ ދޮންފަނަށް ލެއްގި ހައިވަކަރުގަހެއް އޭރުގެ ވާރުގެ ވެރިޔާ ދެކޮޅު ހައްދަވައި ކޮށްވެސް ކީރިތި މަހާރަދުންގެ އަރިހަށް މި އަލީ ތަކުރުފާނު ދުރުވެގެން މިސްކިތް އެޅުމަށް އެހައިވަކަރުގަސް ޢަލީ ތަކުރުފާނަށް ދޫކުރެއްވިކަމަށާއި ، އަދި އެގަސް ކީހުމަށް ބޮޑު ކީހެއް ބަނޑޭރިގެއިން ޢަލިތަކުރުފާނަށް ދެއްވިކަމަށްވެއެވެ. އާމިނާފާނު ޚާއްޞަ ބޭކަނބަލެއްގެ ގޮތުގައި ބެލެވެނީ އާމިނާފާނަކީ ހޮރަބަދޫން އުތީމު ކަޅުޢަލީ ޚަތީބު ތަކުރުފާނު ކައިވެނި ބައްލަވައި ގެންނެވި އަނބިކަނބަލުން އާއިޝާފާނުގެ ކޮއްކޯފުޅުކަމަށްވާތީ ފަހަރި ކަމަނާއެއްގެ ގޮތުން މަޝްހޫރުވެފައިވުމާއި ، ދޮންފަނުގައި ޒަމާނުއްސުރެ ވެރިކަން ކުރަމުންއަންނަ އެއް ޢާއިލާ އަކީ މި އާމިނާފާނުގެ އާއިލާއެއް ކަމަށްވާތީއެވެ.ބުރުނީ ރައިވަރުކިޔާ މަޝްހޫރު ދޮންހިޔަލާގެ މަންމަ ކަމަށްބުނާ ދޮންފަނު އައިސާ ދޮންފަނުގައި އުޅުނުކަމަށް ބެނެއެވެ. ( މި އައިސާއަކީ އެދުވަސްވަރު ހުންނެވި ކަތީބުގެ އަންހެންދަރިއެއްކަމަށް ކުރީގެ މުސްކުޅިންބުނެއުޅެއެވެ) މިހެން މި ދެންނެވީ ދޮންހިޔަލައާއި އަލިފުޅުގެ ވާހަކައަކީ އޭގެ މައްޗަށް އެތަށް ގުނައެއް ފޮނިތޮށި ކާފޫރުތޮޅި އަޅާ އިތުރުކޮށްފައިވާ ވާހަކައަކަށްވީ ނަމަވެސް ( އެކަމާގުޅޭ ) ފެންނާހުރީމައެވެ. ދޮންފަނުގައި މިކަމާގުޅެ ސާބިތު ހެކިތަކެއް ފެންނާން ނެތް ނަމަވެސް މި ރަށުންވެސް އެކަމާ ގުޅުންހުރި ދެކަމެއް ފާހަގަ ކުރެވެއެވެ. އެއީ ، ރަދުންވަޑައިގަންނަވާތީ އެރަދުންނަށް ޚާއްޞަ ކުރެވިގެން ނަންދެވިފައިވާ ނެރަކާއި ، މަގެއް ދޮންފަނުގައި އޮތުމެވެ. މިގޮތުން ޚާއްޞަ ކުރެވިގެން މަގަށް ކިޔަނީ "އަރުމާޒު" މަގެވެ. ނެރަށްކިޔަނީ "އަރުމާޒު" ނެރެވެ. ދޮންފަނުގައި އިރުމަތީކޮޅު އަރުމާޒު މަހުގައި ކުރީގައި އުސްފަސްގަނޑެއް އޮވެއެވެ. މި ތަނަށް އެރަށު މީހުން ކިޔާ އުޅެނީ ތަރާގަނޑެވެ. މި ތަރާގަނޑުގެ ފަސްގަނޑު މިހާރުވަނީ ވަރަށް ތިރި ވެފައެވެ. އެއީ އެކިއެކި ބޭނުމަށް ދޮންފަނު މީހުން އެތަނުން ކުރީގައި ވެލިނަގާފައިވާތީއެވެ.
ކިޔާފައިވަނީ: 1245 ފަހަރު އެންމެފަހުން އަޕްޑޭޓް ކޮށްފައިވަނީ : ހޯމަ, 30 މާޗް 2015 12:10

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit