ކައުންސިލް ލޮގިން

ހިތާދޫ

މިރަށަކީ އަތޮޅުވެރިކަންކުރާ ރަށް އޭދަފުށީގެ ދެކުނުން މީހުން ދިރިއުޅޭ އޭދަފުއްޓާ އެންމެ ކައިރީގައި އޮންނަ ރަށެވެ. މިރަށަކީ ބިމުގެގޮތުން ބަލާއިރު ކުޑަ ރަށެކެވެ. މިރަށުގެ ރައްޔިތުން ދިރިއުޅުމަށްކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމާއި، ދަނޑުވެރިކަން، ފަންގިވިނުން، އަދި ވަޒީފާ އަދާކުރުމާއި އަދި ކޮންސްޓްރަކްޝަން މަސައްކަތެވެ. މިރަށުމީހުން ކުރާ މަސްވެރިކަމުގެ ތެރޭގައި ބޮޑު ކަންނެލީގެ މަސްވެރިކަމާއި، ދޮށީގެ މަސްވެރިކަން އަދި ފަރުމަސްވެރިކަން ހިމެނެއެވެ. އެންމެ ގިނަ މީހުން ކޮށްއުޅެނީ ބޮޑު ކަންނެލީގެ މަސްވެރިކަމެވެ. މީގެ އިތުރުން އާމްދަނީ ހޯދުމުގެ ގޮތުން ބައެއް އެހެން މަސައްކަތްތައްވެސް މިރަށު މީހުން ކޮށްއުޅެއެވެ.
މިރަށަކީ މިއަތޮޅުގައި އޮޑި ދޯނިފަހަރު ގިނަ ފަޅުގެ ދަތިކަން ބޮޑު ރަށަކަށް ވުމާއިއެކު މި ރަށުގައި 200x700 ފޫޓުގެ ބަނދަރެއް ރައްޔިތުންގެ ބުރަ މަސައްކަތާއެކު ސަރުކާރުން ހައްދަވާ ދެއްވާފައިވެއެވެ. 1999 ގައި ހެދި މިބަނަދަރުގެ ތޮށިގަނޑު 2004 ސުނާމީގައި ވެއްޓި 2009 ގައި އަނެއްކާވެސް ބަނދަރު ތޮށިގަނޑު ޖަހާ އަލުން މިވަނީ ބަނދަރު ހެދިފައެވެ. ނަމަވެސް ބަނދަރުގެ ބޭރުތޮށިގަނޑު ހަލާކުވެފައިވާތީވެ، ބަނދަރުގެ ބޭނުން އެންމެ އެދެވޭގޮތުގައި ނުހިފޭކަން ފާހަގަކުރަމެވެ.
މިރަށަކީ ޒަމާނުއްސުރެފެށިގެން މިއަދާ ހަމައަށްވެސް ޘަޤާފީ އެކިއެކިކުޅިވަރުތައް ކުޅެމުންދާ ރަށެކެވެ. އޭގެ ތެރޭގައި ބޮޑުބެރު، ލަނގިރި، އީދުބޭ އެރުވުން، ދަފިނެގުން، ގާއޮޑިޖެހުން އަދި ދެލިމާލި އެރުވަމާ ބޮޑުމަސް ބޭނުން ހިމެނެއެވެ.

ކައުންސިލްގެ އިދާރާ
މިހާރު ކައުންސިލްގެ އިދާރާ ހިންގާ ޢިމާރާތަކީ ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ސަރުކާރުން ޢިމާރާތް ކޮށްދެއްވާފައިވާ ޢިމާރާތެކެވެ. މިރަށު ކޯޓާއި ރަށްވެހިގެ ހިމެނޭ ގޮތަށް ޢިމާރާތް ކޮށްދެއްވި މި އޮފީސް ހުޅުވައިދެއްވީ 13 އޯގަސްޓް 1993 ގައި އޭރުގެ އެޓޮލްސް މިނިސްޓަރުގެ ނައިބު މުޙަންމަދު ލަތީފެވެ. މީގެ ކުރިން ހިތާދޫ އޮފީސް ހިންގާފައިވަނީ މިރަށު ރައްޔިތުންގެ ޢިމާރާތެއްގައެވެ. އޭރުވެސް ކޯޓާއި ރަށްވެހިގެ ހުރީ އެ ޢިމާރާތުގައެވެ.
ތަޢުލީމު
ހިތާދޫގައި މިހާރު ހުރި ހިތާދޫ ސްކޫލް ޢިމާރާތްކޮށްދެއްވީ ދިވެހި ސަރުކާރުންނެވެ. މި ސްކޫލް 12 ފެބްރުއަރީ 2000 ގައި ހުޅުވައި ދެއްވީ އޭރުގެ މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ޑޮކްޓަރ މުޙަންމަދު ލަތީފެވެ. މި ސްކޫލުގައި ގްރޭޑް 1 ން 12 އަށް ކިޔަވައިދެވެއެވެ. މި ސްކޫލުގައި އޮފީސް ބަޔަކާއި، ސްޓާފް ރޫމާއި، ކޮމްޕިއުޓަރ ލެބެއް ހުރެއެވެ. މި ޢިމާރާތް ކުރުމުގެ ކުރިން ހިތާދޫގައި ތަޢުލީމު ދެމުން ގޮސްފައިވަނީ ހިތާދޫގެ ރައްޔިތުން ހަދާފައިވާ މަދަރުސާއެއްގައެވެ.
ހިތާދޫގެ ޕްރީސްކޫލް ހިނގަމުންދަނީ ހިތާދޫގެ ޖަމްޢިއްޔާއެއްކަމަށްވާ ހިތާދޫ ޔޫތްވިންގ ޖަމްޢިއްޔާގެ ފަރާތުންނެވެ. 2007 ވަނަ އަހަރުން ފެށިގެން މިޖަމްޢިއްޔާގެ ފަރާތުން ޕްރީސްކޫލް ހިންގަމުން ދެއެވެ. މީގެއިތުރުން މިރަށުގެ ބައެއް މީސްމީހުން ކުޑަކުދިންނަށް ޤުރުއާން ކްލާސް ހިންގަމުންދެއެވެ.
ޞިއްޙަތު
ހިތާދޫގައި ޞިއްޙީޚިދުމަތް ދިނުމުގެމަސައްކަތް ކުރިން ކުރަމުން ގޮސްފައިވަނީ ދިވެހިބޭސްވެރިންނާއި، ފޫޅުމައިންނެވެ. މިގޮތަށް ޚިދުމަތްދޭތާ އަހަރުތަކެއް ވޭތުވުމަށްފަހު، މިރަށުގައި ޞިއްޙީމަރުކަޒެއް ހުޅުވުނީ 28 އޭޕްރީލް 2004 ގައެވެ. ޢިމާރާތް ހުޅުއްވައިދެއްވީ އޭރުގެ ހެލްތް މިނިސްޓަރ އޮނަރަބްލް އަލްފާޟިލް އަޙްމަދު ޢަބްދުﷲ އެވެ. މި ޢިމާރާތަކީ މ. ނޫހިރި އައްޝައިޚް ޙުސައިން ޔޫސުފް މިރަށުގައި ތަޢުލީމުދެއްވި އުއްމުލްޤުރާ ސެކަންޑްރީ ސްކޫލް ހިންގެވި ޢިމާރާތެވެ. ޞިއްޙީ ޚިދުމަތް ދިނުމަށްޓަކައި ޑޮކްޓަރަކާއި، ނަރުހުން އަދި އިތުރު މުއައްޒަފުން ތިއްބަވައެވެ. މި މަރުކަޒުގެ ސިއްޙީ ޚިދުމަތް ދުވަހުން ދުވަހަށް ތަރައްޤީވެ، ފުޅާވަމުން އައިސްފައިވެއެވެ. މިގޮތުން މިހާރު ޢާއްމު ބަލިތަކަށް ބޭނުންވާ ގިނަ ފަރުވާލިބެއެވެ. މީގެއިތުރުން ބައެއްކަހަލަ ޓެސްޓާއި، އީ.ސީ.ޖީ އަދި ވިހެއުމުގެ ޚިދުމަތާއި، ލޭއެޅުމުގެ ޚިދުމަތް ލިބެމުންދެއެވެ.
ކިޔާފައިވަނީ: 1144 ފަހަރު އެންމެފަހުން އަޕްޑޭޓް ކޮށްފައިވަނީ : އަންގާރަ, 30 ސެޕްޓެންބަރ 2014 15:38

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit