ކައުންސިލް ލޮގިން

ކުޑަރިކިލު

މިރަށަކީ އަތޮޅުވެރިކަންކުރާ ރަށް އޭދަފުއްޓާ އެންމެ 12 މޭލު ދުރުގައި އޮންނަ އަދި މީހުންދިރިއުޅޭ ރަށްރަށުގެ ތެރެއިން ބިމުގެ ގޮތުން ކުޑަ ރަށަކަށްވީނަމަވެސް ހިތް ހެޔޮއެކުވެރި ރަށްޔިތެއް ދިރިއުޅޭ ރަށެކެވެ. މިރަށުގެ ރަށްޔިތުން ދިރިއުޅުމަށް ކުރާ މައިގަނޑު މަސައްކަތަކީ ފަރުމަހުގެ މަސްވެރިކަމާއި، ރިޒޯޓް ވަޒީފާ އަދާކުރުމާއި ފަންގިވިނުމުގެ މަސައްކަތެވެ. މީގެއިތުރުން އާމްދަނީ ހޯދުމުގެގޮތުން ވިޔަފާރިކުރުމާއި ކޮންޓްރަކްސަން މަސައްކަތްކުރެއެވެ. އަދި ގިނަޒުވާނުންތަކެއް ރިސޯޓްތަކުގައިވެސް މަސައްކަތް ކުރަމުން ދެއެވެ. މިރަށަކީ މިއަތޮޅުގެ އެންމެ އުތުރުގައި އޮންނަ މީހުންދިރިއުޅޭ ރަށެވެ. މިރަށުގައި ފަރުމަހުގެ މަސްވެރިކަންކުރަ ފަސްދޯނި އޮވެއެވެ. މިދޯނިފަހަރު ބާނާމަސް ވިއްކަމުން ދަނީ އަތޮޅު ތެރޭގައިވާ ރިސޯޓް ތަކަށާއި އަތޮޅުންބޭރުގެ ރިސޯޓްތަކަށެވެ.
މިރަށުގައި 443 ފޫޓްދިގު ފުޅާ 214 ފޫޓްގެ ބަނދަރެއް އަމިއްލަ ފަރާތެއްގެ ދީލަތިއެހީއާއި ރަށްޔިތުންގެ ބުރަމަސައްކަތުން 2001 ވަނައަހަރު ވަނީ ހަދާފައެވެ. މިބަނދަރުގެ ބޭރުތޮށި ލެވިފައި ވަނީ ގާބޭނުންކޮއްގެންނެވެ. އެއްގަމު ތޮށި ލެވިފައިވަނީ ސިމެންތި ގޯނިބޭނުންކޮއްގެންނެވެ. 2004 ގެ ސުނާމީއަށްފަހު ބޭރުތޮށި އެއްކޮއް ވެއްޓި އަށްދަށުވާޓަރު ވަނީ ހަލާކުވެފައެވެ. ބޭރު ތޮށިވެއްޓި ފަޅުގަދަވުމުގެ ސަބަބުން ރަށުގެ މަސްވެރިންނަށާއި ރަށަށްއަންނަ ދަތުރުވެރިންނަށް ވަރަށްބޮޑު ދަތިތަކާކުރިމަތި ލާންޖެހެއެވެ. މިރަށަކީ ޒަމާނުންސުރެ ފެށިގެން މިއަދާއިހަމައަށްވެސް ޡަޤާފީ އެކިއެކި ކުޅިވަރުތައް ކުޅެމުންދާ ރަށެކެވެ. މިރަށުގައި ކުޅެމުންދާ ކުޅިވަރުގެ ތެރޭގައި ބޮޑުބެރު، ތާރަ، ގާއޮޑިލަވަ، ބޮޑުމަސްކުޅުން ހިމެނެއެވެ.

ރަށުގެ ބޮޑުމިން: 16.39 ހެކްޓަރ
ރަށުގެ އާބާދީ: ރަށުގެ އާބާދީއަކީ ޖުމްލަ 601 އެވެ. އެއީ އަންހެން – 295 ، ފިރިހެން -306 އެވެ.
65 އަހަރުން މަތީގެ މީހުންގެ އަދަދު: 23 މީހުން
އެކަނިވެރިމައިން: 05
ނުކުޅެދޭ ކުދިންގެ ޢަދަދު: 03

ތައުލީމީ ހާލަތު

މިރަށަކީ ސިއްޙީ މަރުކަޒެއް ހުރިކަމުގައި ވީ ނަމަވެސް އާންމުކޮށް އެކަށީގެންވާ ފެންވަރެއްގައި ސިއްޙީ ހިދުމަތް ލިބެން ނެތުމުގެ ސަބަބުން ވަގުތުން ވަގުތައް ދޭންޖެހޭ ފަރުވާ ދެވެން ނެތުމާއި، އާދައިގެ ކުދިކުދި ބަލިބައްޔައް އެކަށީގެންވާ ފަދަގޮތަކަށް ބޭސް ލިބުމުގެ މަގު ފަހިވެފައި ނެތުމުން ސިއްޙީ ހާލަތު ރަގަނޅު ކަމަކަށް ދެންނެވޭކަށް ނެތެވެ. އަދި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނައް ޙިދުމަތް ދިނުމަށްޓަކައި އެޅިފައިވާ ބޭސް ފިހާރައެއް ނެއްކަން މިފުރުސަތުގައި ފާހަގަކުރަމެވެ.
ސިޙީ މަރުކަޒުގެ ޢަދަދު: 01
ޑޮކްޓަރުންގެ ޢަދަދު: 01
ނަރުހުންގެ ޢަދަދު: 03
ބޭސްފިހާރަ: ނެތް

ސިއްޙީ ހާލަތު
ކުދިންގެ އަދަދު : 77
ދިވެހި ޓީޗަރުންގެ ޢަދަދު: 13
ބިދޭސީ ޓީޗަރުންގެ ޢަދަދު: 05
ކިޔަވައިދޭ އެންމެ މަތީ ގްރޭޑް: 10
ކުޑަރިކިލުގެ ތާރީޚް
މީލާދީ ސަނަތުން 1981 ވަނަ އަހަރު އޭޕްރީލް 2 ވީ ހުކުރު ، ހިޖްރީގޮތުން 1336 ވަނަ އަހަރުގެ ޖުމާދަލްއާޚިރާމަހުގެ 17 ވީ ހުކުރު ނަމާދުން ފޭބި ވަގުތު ކުޑަރިކިލުގައި "ބޮމެއް" ގޮވުމެވެ. މިހާދިސާގައި ރަށުގެ ފުރާ ދުއްވާ އުޅަނދު ފަހަރު ހަލާކުވެ 7 މީހުން ވަނީ މަރުވެފައެވެ. މި ބޮންގޮވަން މެދުވެރިވި ސަބަބު އެނގޭކަށް ނެތެވެ. އެއީ ، އެވަގުތު އެތާ ތިބި އެންމެން ވަނީ މަރުވެފައެވެ. މި ބޮމަކީ ބުނެވޭގޮތަކީ މި އަތޮޅު ފުނަދޫން އިރުވާ މަހަށް ކުޑަރިކިލާ ދިމާލަށް ނިކުތް ދޯނި މީހުން ވިނަ ނެތްފަރާ ދިމާއިން ފެށިގެން ކަފުޖަހާ އެދޯނި މީހުން އިރުވާ މަހަށް ނުކުމެ ތިބި އުނޑޫދޫ ، ފުނަދޫ ، ދޯންޏާ ކުޑަރިކިލުގެ ދޯނިފަހަރު ފުނަދޫ ދޯންޏަކާގާތްކޮށް މި ދޯންޏާއެކު މި ހުރިހާ ދޯނިފަހަރު އެކުގައި އައިސް ކުޑަރިކިލަށް އެރުވި ބޮމެކެވެ. މި ބޮން ކުޑަރިކިލަށް އެރުވީ އޭރު ވާރުކަން ކުރަނީ ދަރަވަންދޫގައި ކަމަށްވަތީ އުނޑޫދޫ ، ފުނަދޫ އަކީ އިރުވައިގައި އޮއިދަށުގައިވާ ރަށްރަށްކަމަށްވެފައި އެރަށް ހިންގަންތިބީ ކުޑަރިކިލުގެ މީހުންގެ ކަމުން އިރުވައިގައި ދަރަވަންދޫއަށް ގެންދިއުމުގެ ފަސޭހައަކަށް ކަމަށްވެއެވެ. ކުޑަރިކިލުގެ އޮފީސް ކަމުގައިވާ ކާޑުގެ ( ރަށްވެހިގެ ) ހުންނަނީ ރަށުގެ އުތުރު ފަރާތުގައި ކަމަށްވުމުން މި ބޮން ގެނަސް ފުރަތަމަ އެރުވީ އެދިމާލަށް ރަށުގެ އުތުރުފަރާތަށެވެ. އޭރުވެސް އެމީހުންނަށް ވިސްނިފައިވާ ގޮތުގައި މި އެއްޗަކީ އޮފީހުގައި ރައްކާކުރާފަދަ އެއްޗެއް ނޫންކަމުން މިއެތި ގެންގޮސް ބޭއްވީ ރަށުގެ އޭރުގެ އޮޑިދޯނިފަހަރު އެހެލާ މީހާރުގެ ބަނދަރު ހެދިފައިވާ ރަށުގެ ހުޅަނގު ދެކުނު އޭރު އަވަށާދުރު ބަންނެހެރުކިޔާ ތަނުގައެވެ. މި އެތިއޮތީ ރަށުގެ ދެފަސް ބެދުނު ހިސާބު އޮޑިދޯނިފަހަރު އެހެލާފައި ހުންނައިރު އެހުންނަ ހިސާބުގައެވެ. މި ބޮން ގޮވައިގެން ގެނައީ ބުރާސްފަތި ދުވަހެއްގެ ހަވީރު އިރުއޮއްސޭހާއިރުއެވެ.މިހާރުވެސް އެއްޗެއްތި ހޮވައިގެން ނުދެކޭ އެއްޗެއްތި ދެކެންގޮސް އެބަލާހަދާ އޭރުވެސް އެކަން އެގޮތަށް މިކަމުގައިވެސް ހިގާފައިވުމަކީ ވެގެންވާނެގޮތެވެ. މި ގޮތުން އެއާއި ބެހި ހެދުމަކީ އެކަށީގެންވާ ކަމަކަށްވިޔަސް އެބޮން ގޮވީ ކިހިނެއްވެގެން ކަމެއް އެނގޭނޭ ގޮތެއް ނެތުން އެއީ އެހާދިސާ ގައި އެތާ ތިބިއެންމެން މަރުވެ ގޮސްފައިވާތީ އެކަށީގެންވާ ސަލާމަތްބުއްދި ޤަބޫލުކުރާ ތެދެއްކަމަށް ބަލަންޖެހެއެވެ. އެޒަމާނުގައި ހުކުރަށް އޮޑިދޯނިފަހަރު ބުރާސްފަތި ދުވަހު ނުވަތަ ހުކުރު ދުވަހު ހެނދުނު އެހެލާހަދައެވެ. މި ދޯނިފަހަރު މަސްވެރިކަމަށް ބާލާ ހަދަނީ ހުކުރު ދުވަހު ހުކުރު ފަހުން ދޯނިބާލާމީހުން ދާންވާއިރަށް ހުކުރުން ފައިބައިގެން އެންމެ އަވަހަށްދާ ބަޔަކީ ދޯނީ އާލާތް އަޅަންދާމީހުންނެވެ. މިހެންވެ މިހާދިސާގައި މަރުވި މީހުންނަކީ ދޯނީގެ އާލަތްތައް އަޅަންދިޔަ މީހުންކަމަށްވެއެވެ. ބޮންގޮވީ ދެފަސް ބެދުނު ހިސާބުގައެވެ. މި ބޮންގޮވި ތަނުގައި ދިހަވަރަކަށް ފޫޓްގެ ވަޅުގަނޑެއް ހެދިފައިވާ ކަމަށާއި ބޮމުގެ ދިގުމިނަކީ ފަސްފޫޓް ވަރުވާކަމަށާއި ، އޭތި އޮތީ ރަންކުލައިގެ ކެވެލި ފަށަކާއެކު ވަށްކޮށް ދިގުކޮށް ތުނބެއްލާފައި ކަމަށް މި ހާދިސާ ހިނގި ޒަމާންދުށް އޭރުގެ މީހުން ބުނެފައިވެއެވެ. މި ހާދިސާހިނގި ޒަމާންދުށް އޭރުގެ މީހުން ބުނެފައިވެއެވެ. މި ހާދިސާ ރަށުގައި ހިނގާ ދިއުމުން ފަހަކަށް އައިސް ރަށަށް ޒިޔާރަތްކުރާ މީހުން ބޮންގޮވި ވަޅުގަނޑު ކަމަށް ކިޔާ ބަލާހަދާ އުޅެނީ ނިކަ ގަހެއްގެ ފުޅިވަޔާ އެދިމާލަށް އަރުވާފައިވާ ފަސްގަނޑު މައްޗަށް އަރާ ގަސްތަކުގެ ވާގަނޑުތެރޭން އަޑިކޮށް ފެންނަ ހަމަ ބިމަށެވެ. އެޒަމާންދުށް ރަށުގެ އެދުވަސްވަރުގެ މީހުން ބޮންގޮވި ތަން ކަމަށްބުނެ ދައްކާ ކިޔާދޭ ތަނަކަށް މީހާރުގެ ބަނދަރު ދެކުނުކަނުން ކުޑަތަންކޮޅެއްގެ އުތުރު އިރުމައްޗަށް ދެފަސްބެދުނު ހިސާބުގައެވެ. މި ހާދިސާގައި މަރުވި ގިނަ މީހުން އެއީ ކާކުކަން ނޭގޭވަރުގެ ފަޅުމަތީގައިވީ ކަމަށާއި ގަސްގަހުވެސް ހަށިގަނޑުގެ ބައެއް ގުނަވަނާ ތަކެތި ހުރި ކަމަށާއި ދޯނިފަހަރުތައް ހަލާކުވެ ފަޅުމައްޗަށް ދިޔަ ތަކެތި އިރުވައިގައި އޮޔާގޮސް ގާތު ރަށްރަށަށް ލައްގާފައިވަނިކޮށް ފެނިފައިވާކަމަށްވެސް ވެއެވެ. މި ވާހަކަ މިއަށްވުރެ ބޮޑު ކޮށްގެންވެސް ވާހަކަ ކިޔާ ހަދާ އުޅެއެވެ. މި ހާދިސާގައި ހިނގި ހިސާބަކީ ރަށުގެ އަވަށާއި އޭރު ދުރު ހިސާބަކަށް ވާތީ ގޯތި ގެދޮރަށް އެއްވެސް ގެއްލުމެއް ލިބުނުކަމަކަށް ބުނެއެއް ނުހަދައެވެ.

ކިޔާފައިވަނީ: 1357 ފަހަރު އެންމެފަހުން އަޕްޑޭޓް ކޮށްފައިވަނީ : އަންގާރަ, 24 ފެބްރުއަރީ 2015 11:07

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit