ދިވެހި ޕާސްޕޯޓަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ޕާސްޕޯޓް އެޕްލިކޭޝަން ޕްރޮސެސިންގެ ޚިދްމަތް، އަތޮޅު ކައުންސިލްގެ އިދާރާއިން ފޯރުކޮށްދިނުމާއި ބެހޭ ގޮތުން މޯލްޑިވްސް އިމިގްރޭޝަންއާއި މިކައުންސިލާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު ހެނދުނު މޯލްޑިވްސް އިމިގްރޭޝަންގައި ބޭއްވުނު ކުޑަ ރަސްމިއްޔާތެއްގައެވެ. އަތޮޅު ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަލްފާޟިލް މަބުރޫކް ނަޞީރުއެވެ. މޯލްޑިވްސް އިމިގްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އިމިގްރޭޝަންގެ ޒިންމާދާރުވެރިޔާ އަލްފާޟިލް ހާމިދު ފަތުހުﷲ އެވެ.
މި އެއްބަސްވުމުގެ ދަށުން ދިވެހި ޕާސްޕޯޓް އަލަށް ހެއްދުމަށް ބޭނުންވާ ފަރާތްތަކާއި، މުއްދަތު ހަމަވެގެން ޕާސްޕޯޓް އައުކުރުމަށް ބޭނުންވާ ފަރާތްތަކުގެ އިތުރުން، މުއްދަތު ހަމަވާން 8 މަހަށްވުރެ ކުރު މުއްދަތެއް އޮތް ޕާސްޕޯޓެއް އައުކުރުމަށް ބޭނުންވާ ފަރާތްތަކުން ހުށަހަޅާ ފޯމާއި ފީ ބަލައިގަތުމުގެ ޚިދްމަތް އަތޮޅު ކައުންސިލްގެ އިދާރާއިން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިޚިދްމަތް ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް މިހާރު ނިމިފައިވާއިރު، ޚިދްމަތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ 10 ޑިސެމްބަރު 2017ވާ އާދީއްތަ ދުވަހުއެވެ.