ކައުންސިލް ލޮގިން

އޭދަފުށި

  އޭދަފުށްޓަކީ މާލެއާއި ގާތްގަޑަކަށް 64 މޭލު ދުރުގައި އޮންނަ ރަށެކެވެ. އެއީ ކަނޑު ބޯޓުގައި ނަމަ ގާތްގަނޑަކަށް ހަގަޑިއިރުގެ ދުރުމިނެކެވެ. އަދި ސްޕީޑް ލޯންޗެއްގައި ނަމަ ދެ ގަޑިއިރުގެ ދުރުމިނެކެވެ. ގާތްގަޑަކަށް ބ. އަތޮޅުގެ މެދުގައި އޮންނަ މި ރަށުގެ އާބާދީއަކީ 3200 މީހުންނެވެ. މި އަހަރުތެރޭގައި އަލަށް ހިއްކި ސަރަހައްދާއިއެކު ރަށުގެ ބޮޑުމިނުގައި 55 ހެކްޓަރ ހުންނަ މި ރަށުގައި ގާތްގަޑަކަށް 2300 މީހުން ދިރިއުޅެމުންދެއެވެ.އޭދަފުށްޓަކީ ހުރިހާ ރޮނގަކުން ބެލިކަމުގައިވިޔަސް އަތޮޅުހެ ރަށްތަކުގެ ތެރެއިން އެންމެ ތަރައްގީވެފައި އޮތްރަށެވެ. 1995 ވަނަ އަހަރުންފެށިގެން 24 ގަޑިއިރުގެ ކަރަންޓުގެ ޚިދުމަތް މިރަށުން ލިބެއެވެ. ނަރުދަމާ ނިޒާމް ވަނީ ގާއިމް ކުރެވިފައެވެ. ލަފާފުރުން ފަސޭހަކުރުމަށްޓަކައި 900 ފޫޓު ދިގުމިނުގެ ބަނދަރެށް މިރަށުގައިވަނީ ހެދިފައެވެ.  ގޭގެއަށް ޓެލެފޯނުގެ ޚިދުމަތާއި އިންޓަރނެޓްގެ ޚިދުމަތް ލިބެއެވެ. ދިރާގާއި އޫރިދޫގެ މުހިންމު ހުރިހާ ޚިދުމަތްތަކެށް މިރަށުން ލިބެންހުރެއެވެ.  އޭދަފުށްޓަކީ ތައުލީމީ  ގޮތުންބެލިކަމުގައިވިޔަސް ވަރަށްބޮޑަށް ކުރިއަރާފައިވާ ރަށެކެވެ. ރަށުގައި އޭލެވެލްއާ ހަމަޔަށް ހިލޭ ތައުލީމް ހާސިލް ކުރެވެއެވެ.   މާސްޓާސް ފެންވަރަށް ކޯސްތައް ކުރިއަށްގެންދާ ވިލާކޮލެޖުގެ ކެމްޕަހެން މިރަށުގައި ހުރެއެވެ. ސިއްޙީޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި 24 ގަޑިއިރުގެ ޚިދުމަތްލިބެންހުންނަ އަތޮޅުހޮސްޕިޓަލެއް މިރަށުގައިވަނީ ވަރަށް ކުރީއްސުރެން ގާއިމް ކުރެވިފައެވެ. އުމްރާނީ ތަރއްޤީއަށް ބަލާއިރުވެސް އޭދަފުށްޓަކީ ފާހަގަކޮށްލެވޭ ރަށެކެވެ. ރަށުގެ މަގުތައް ރަގަޅު ފެންވަރަކަށް ހެދިފައި ނެތްކަމުގައިވިޔަސް ރަށުގެ ގިނަމަގުތަކަކީ ހިނގާ މީހުންނަށާއި ދުއްވާ އެއްޗިއްސަށް ފަސޭހަކަމާއިއެކު ދަތުރުކޮށް އުޅެވޭނެ ޖާގަަ އޮތް މަގުތަކެކެވެ. ރަށުގެ ގިނަގޭގެއަކީ ރަނގަޅުފެންވަރަކަށް ހަދާފައިހުރި ގޭގެއެވެ. ވަރަށްމަދު ގެއެއްމަނުވީ ހުންނާނީ ވަށާ ފާރުރާނާ ސިމެންތިޖަހާ ކުލަލާފައެވެ. މިރަށު ގިނަގޭގޭގައި ރަގަޅު ފެންވަރަކަށް ހަދާފައި ހުންނަ ކުއްޔައްދޭ ކޮޓަރި ފުދޭވަރަކަށް ގިނައިން ހުރެއެވެ. މީގެ އިތުރުން މިރަށުގައި ކެފޭ ރެސްޓޯރަންޓް ގެ ގޮތުގައި ހިންގަމުން އަންނަ 10 ތަން ހުރެއެވެ. މި ހުރިހާ ތަންތަނަކީ ވެސް އާއްމުކޮށް ޚިދުމަތްދޭ ހުރިހާ ގަޑިއެއްގައިވެސް ހުޅުވާފައި ހުންނަ ތަންތަން ކަމަށް ވުމާއި އާންމުކޮށް ކެފޭ ރެސްޓޯރަންޓް ތަކުން ލިބެންހުންނަ ހުރިހާ ބާވަތެއްގެ ކާނާ އެތަންތަނުން ލިބެންހުރެއެވެ.

އޭދަފުށީ ކައުންސިލުގެ އިދާރާ
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އެންމެހައި ކަންކަން ހިންގާނީ ކައުންސިލުގެ ރައީސްގެ ބެލުމުގެ ދަށުންނެވެ. ކައުންސިލުގެ ރައީސް ރަށުގައި ނެތް ހާލަތްތަކުގައި ކައުންސިލުގެ ކަންކަން ކުރިޔަށްގެންދާނީ ކައުންސިލުގެ ނާއިބްރައީސް ގެ ބެއްލެވުމުގެ ދަށުން ކައުންސިލުގެ ރައީސްގެ މަޝްވަރާގެ މަތިން، އަދި، ދިވެހިރާއްޖޭގެ އިދާރީދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާއި އަދި ކައުންސިލް ހިންގުމުގެ އާންމު ޤަވާޢިދާއެއްގޮތަށެވެ.

އޭދަފުށީ ކައުންސިލުންދޭ ޚިދުމަތްތައް
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުންހުންގުމުގެ ޤާނޫނުގެ ދަށުން މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލުގެ ފަރާތުން ރައްޔިތުންނަށް ގިނަ ޚިދުމަތްތަކެއް ދިނުމަށް ވަނީ ލާޒިމް ކޮށްފައެވެ. މިގޮތުން ދުވަހުން ދުވަހަށް ރަށް ހިންގުމަށް ބޭނުންވާ ޤަވާޢިދުތަކާއި އުޞޫލުތައް ކަނޑައަޅައި ރައްޔިތުންގެ ނަމުގައި ނިންމަންޖެހޭ ނިންމުންތައް ނިންމާ ރަށުގެ އިޖްތިމާއީ އެކިއެކި ތަންތަނާއި، ސަރަޙައްދު ބެލެހެއްޓުމާއި އެހެން މުއައްސަސާ ތަކަށް އެހީތެރިވުން ހިމެނެއެވެ.

އަދި ރަށްތަރައްޤީ ކުރުމުގެ ގޮތުން ރަށުފެންވަރުގެ ތަރައްޤީގެ ޕްލޭނެއް އެކުލަވާލައި އެޕްލޭން ތަންފީޒުކުރުމަށްޓަކައި ކައުންސިލުންނާއި ސަރުކާރުން  ކަނޑަ އަޅާ ގޮތެއްގެމަތިން ތަރައްޤިގެ މަޝްރޫޢުތައް ހިންގައި އެކަންކަމާއި ގުޅޭގޮތުން ޖަވާބުދާރީ ވުމަކީކައުންސިލުގެ ޒިންމާއެކެވެ.

އަދި ހަމައެއާއިއެކު ރަށުގެ ރަށްޔިތުންނަށް ބޭނުންވާ ރަށްވެހިކަމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމާއި އަސާސީ ޚިދުމަތްތައް ކަމަށްވާ ކަރަންޓާއި ފެނާއި ނަރުދަމާ ހިމެނޭގޮތުން ރަށްވެހިކަމުގެ އެހެނިހެން ތަފާތު 153 ޚިދުމަތެއް ލާމަރުކަޒީ ޤާނޫނުން ކައުންސިލާއި ހަވާލުކޮށްފައިވެއެވެ.

ލޯކަލް ގަވަމެންޓް ގާނޫނާއި ދައުލަތުގެ ފައިސާއާއި މުދާ ބެލެހެއްޓުމުގެ ޤާނޫނާއި އަދިވެސް ދައުލަތުގެ މުދަލާއި ފައިސާއާއި ބެހޭ އެހެނިހެން ޤާނޫނުތަކާއި އެއްގޮތަށް ރަށުގެ ފައިސާގެ ކަންކަން ހިންގާ ބެލެހެއްޓުމާއި ފައިސާގެ ކަންކަމާއި ގުޅޭގޮތުން ރައްޔިތުންނަށާއި ސަރުކާރުގެ މުޢައްސަސާތަކަށް ޖަވާބުދާރީވުމަކީ ކައުންސިލާއި ހަވާލުވެފައިވާ މަސްއޫލިއްޔަތެކެވެ.
ކައުންސިލުގެ ތަރައްޤީގެ ޕްލޭނުން ޙާޞިލްވާ މިންވަރު ރައްޔިތުންނަށް ޙިއްޞާ ކުރުމުގެ ގޮތުން ރައްޔިތުންގެ ބައްދަލުވުންތައް ބޭއްވުމާއި ކައުންސިލްގެ މަސައްކަތު ތާވަލާއި ބަޖެޓާއި ތަރައްޤީގެ ޕްލޭން ރައްޔިތުންނާއި ޙިއްޞާކޮށް ތަރައްޤީގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުމަކީވެސް ކައުންސިލްގެ ޒިންމާއެކެވެ.

1- އޮޑިދޯނިފަހަރުގެ ރަޖިސްޓްރީހެއްދުން.
2- ޤަވާޢިދާ ޚިލާފުވާ ފަރާތްތަކާއިމެދު ފިޔަވަޅުއެޅުން.
3- އިމާރާތާ ގޯތީގެ ރަޖިސްޓްރީ ހަދާދިނުން.
4- ކަންކަން މޮނިޓަރ ކޮށްބެލެހެއްޓުން.
5- ކުއްލިހާލަތްތަކުގައި ދިމާވާ އެކިއެކި ފަރުންދުންނަށް އެހީފޯރުކޮށްދިނުން.
6- އުފަންދުވަހުގެ ސެޓްފިކެޓް ހެދުމާއި، ރަޖިސްޓަރީ ހެދުން

އޭދަފުށީ ކައުންސިލްއިދާރާގެ މަސައްކަތްތައް ބަހާލެވިފައިވާގޮތް

މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށި ކައުންސިލް އިދާރާގެ މަސައްކަތްތައް ބަހާލެވިފައިވަނީ މައިގަނޑު ތިން ޔުނިޓަކަށެވެ. މިއިން ކޮންމެ ޔުނިޓެއްގައިވެސް މައިގަނޑު މަސައްކަތްތައް ކުރަމުންދާނީ ސިވިލްސަރވިސް މުވައްޒަފުންނެވެ. ސިވިލްސަވިސް މުވައްޒަފުންގެ މަސައްކަތްތައް އޮބްޒާވްކޮށް މޮނީޓަރކުރުމަށްޓަކައި ކައުންސިލް މެންބަރުންވެސް ވާނީ އެކިއެކި ޔުނިޓްތަކަށް ބަހާލެވިފައެވެ. އެއީ

ސެކްޝަން އޭ- ކޯޕްރޭޓިވް އެފެއާރޒް.

މިޔުނިޓްގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ރަޖިސްޓްރޭޝަންއާއި ސެންސަސް ބެލެހެއްޓުމާއި އިދާރީ ހުއްދަތަކާއި ލިޔުންތައް ތައްޔާރުކޮށްދިނުމާއި ހިއުމަން ރިސޯސް މަސައްކަތްތަކާއި ފައިސާއާއިބެހޭ މަސައްކަތް ހިމެނެއެވެ.

ސެކްޝަން-ބީ އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ސޯޝަލް ސަރވިސަސް.

މިޔުނިޓްގެ މަސައްކަތްތަކުގެ ތެރޭގައި ރަށު ތަރައްޤީގެ ޕްލޭން ތައްޔާރުކުމާއި ޕްލޭން ރިވިއުކުރުމާއި ޕްލޭނުން ހާޞިލްވަމުންދާ މިންވަރު ބަލާ ހިއްޞާކުރުން ހިމެނެއެވެ. މީގެ އިތުރުން ރަށް ތަރައްޤީ ކުރެވިދާނެ އައު ވިސްނުންތައް ނެރުމާއި ކައުންސިލްގެ މާލިއްޔަތު އިތުރުކުރުމަށް ކުރެވިދާނެ ކަންކަން ދިރާސާކޮށް އެކަންކަމާއި ގުޅޭގޮތުން ކައުންސިލަށް ލަފާދިނުމާއި އެފަދަ ޕްރޮޖެކްޓްތައް ރާވާ ހިންގުން ހިމެނެއެވެ. އަދި އިޖްތިމާޢީ ތަރައްޤީގެ އެކިއެކި ޕްރޮގްރާމްތައް ހިންގުމާއި އެފަދަ ޕްރޮގްރާމްތަކަށް އެހީތެރިވުން ހިމެނެއެވެ.

ސެކްޝަން: ސީ. މުނިސިޕަލް ސަރވިސް.

މުނިސިޕަލް ސަރވިސްގެ މަސައްކަތްތަކުގެ ތެރޭގައި ރަށުގައި ދެވޭ ޚިދުމަތްތަކުގެ ތެރޭގައި ރައްޔިތުންނާއި ގުޅުންހުރިގިނަމަސައްކަތްތައް ބެލެހެއްޓުމާއި ބިމާއި ގުޅޭގޮތުން ހުށަހެޅޭ މަސައްލަތައް ބެލުމާއި ކަންކަން ނިންމުމުގެ މަސައްކަތް ކުރިއަށްގެންދިއުމުގެ މަސައްކަތް ކުރެވެމުން ދެއެވެ.

ތައުލީމް

ބ. އަތޮޅު ކޮމިއުނިޓީ ސްކޫލްގެ ނަމުގައި ސްކޫލް ހުޅުވުނީ 1971 ފެބްރުއަރީ 24 ވަނަ ދުވަހުއެވެ. ހުޅުއްވާ ދެއްވީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމެވެ. ފަހުން ބ.އަތޮޅު ތަޢުލީމީމަރުކަޒުގެ ނަމަށް ބަދަލުކުރެވިފައިވެއެވެ.

މިސްކޫލުގައި ޕްރިންސިޕަލްއަކާއި، ޑެޕިއުޓީ 2 ޕްރިންސިލްގެ އިތުރުން ސްޕަވައިޒަރުންގެ ބެލުމުގެ ދަށުން މަސައްކަތް ކުރެވެމުންދެއެވެ. މިސްކޫލުގައި އޭލެވެލްއާ، އޯލެވެލް ފެންވަރަށް ކިޔަވައިދެމުން ގެންދެއެވެ.
ގްރޭޑް 1 ން 12 ހަމައަށް ކިޔަވާ ދެމުން ދާއިރު މިހާރު ސްކޫލްގެ އާބާދީއަކީ 679 ދަރިވަރުންނެވެ. އެއީ 322 އަންހެން ކުދިންނާއި 278 ފިރިހެން ކުދިންނެވެ. ދިވެހި 39 ޓީޗަރުން، ބޭރުޓީޗަރުންގެ އަދަދަކީ 23 ބިދޭސީ ޓީޗަރުން ޚިދުމަތުގައި ތިއްބަވައެވެ. ބ. އަތޮޅު ތަޢުލީމީ މަރުކަޒަކީ ދެ ދަންފަޅިއަށް ކިޔަވައިދޭ ސްކޫލެކެވެ.

ސްކޫލްތަކުގެ ފެންވަރުގައި ބޭއްވޭ މުބާރާތްތަކުގައި ސްކޫލްގެ ދަރިވަރުން ބައިވެރިވެ ގިނަ ކާމިޔާބުތަކެއް ހޯދާފައިވެއެވެ. ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުންވެސް ސްކޫލްގެ ދަރިވަރުން އަންނަނީ ރަންވަނަތައް ހޯދަމުންނެވެ.

ސްކޫލްގެ ޢުމުރާނީ ތަރައްޤީއަށް ފާއިތުވީ އަހަރުތަކުގައި ބޮޑެތި ކުރިއެރުންތައް ހޯދިފައިވެއެވެ. އެގޮތުން ހެޔޮއެދޭ ފަރާތްތަކުގެ އެހީގައި ސްމާޓް ބޯޑު ސްކޫލަށް ހަދިޔާކޮށްފައިވެއެވެ. މިސްކޫލުގައި ސައިންސް ލެބް، އަދި ލެބޯޓްރީގެ ޚިދުމަތް ރަގަޅުފެންވަރެއްގައި ޤާއިމް ކުރެވިފައިވެއެވެ.

އޭދަފުށީ ބަހިއްޔާ ޕްރީސްކޫލް ގައި 191 ދަރިވަރުން ކިޔަވަމުން ދެއެވެ. ޕްރީސްކޫލް ހިންގަނީ މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުންނެވެ. މިތަނުގައި 8 ޓީޗަރުން ކިޔަވައިދިނުމަށް ތިއްބަވައެވެ. މިސްކޫލުގައިވެސް ރަށުންބޭރުކުދިން ތަޢުލީމުޙާސިލު ކުރަމުންދާކަން އުފަލާއެކު ފާހަގަކުރަމެވެ.

ސިއްޙަތު

މާލޮސްމަޑުލުދެކުނުބުރީ އަތޮޅުހޮސްޕިޓަލުގެ ނަމުގައި ޞިއްޙީ ޚިދުމަތް ދިނުމަށްޓަކައި އަތޮޅު ހޮސްޕިޓަލެއް ޤާއިކުރެވިފައިހުރެއެވެ. މިތަނަކީ 24 ގަޑިއިރުގެ ޚިދުމަތް ލިބެމުން އަންނަ ތަނެކެވެ. މިތަނުގައި 9 ޑޮކްޓަރުންނާއި، 23 ނަރުހުން މިހޮސްޕިޓަލުގައި މަސައްކަތް ކުރަމުންގެންދެއެވެ. މިތަނުން ޢާއްމު ބަލިތަކުގެ ޓެސްޓްތައް ހެދުމަށްޓަކައި އެކްސްރޭގެ ޚިދުމަތާއި، އާއްމުބަލިތަކުގެ ޓެސްޓްތައް ހެދުމަށްޓަކައި މެޝިނަރީތައް ޤާއިމުކުރެވިފައިވެއެވެ. އަދި މިހޮސްޕިޓަލަކީ އަންހެނުންގެ ޚާއްސަ އޮޕަރޭޝަންގެ ޚިދުމަތް ލިބެމުންއަންނަ ތަނަކަށްވާތީ ނ.ރ.ބ.ޅ މި ހަތަރު އަތޮޅުތަކުގެ މީހުންނަށް މިހޮސްޕިޓަލުން ޚިދުމަތް ލިބެމުންދާކަން ފާހަގަ ކުރެވެއެވެ.

މަސައްކަތްތެރިކަން

އޭދަފުއްޓަކީ މަސައްކަތްތެރި ރައްޔިތުންތަކެއް ދިރިއުޅެމުން އަންނަ ރަށެކެވެ. އެގޮތުން ކުރާ މަސައްކަތްތަކުގެ ތެރޭގައި މަސްވެރިކަން، ވިޔަފާރި، ރިސޯޓްތަކުގެ ވަޒީފާ، ވަޑާންކުރުން، ރޭނުމުގެ މަސައްކަތް، ރޯނުވެށުން، ފަންގިވިނުން ފަދަ މަސައްކަތް ހިމެނެއެވެ. ވަޒީފާގެ ފުރުޞަތު ކައިރި ރިސޯޓްތަކުން ފަހިވެފައިވާތީ، ގިނަ އަދަދެއްގެ މީހުންނަކީ ވަޒީފާތަކުގައި ޙަރަކާތްތެރިވަމުން ދާބައެކެވެ. މިރަށުގެ ރައްޔިތުންނަކީ އަމިއްލަ މަސައްކަތްކޮށް ދިރިއުޅުމަށްޓަކައި ބުރަމަސައްކަތްކޮށްގެން ދިރިއުޅެމުންދާ ހީވާގި ރައްޔިތުންތަކެއް އުޅޭ ރަށެކެވެ.

ކުޅިވަރު

އޭދަފުއްޓަކީ ޒަމާނުއްސުރެ ފުޓްބޯޅައާއި ބަށި ކުޅުމަށް މަޝްހޫރުވެފައިވާ ރަށެކެވެ. ފުޓްބޯޅައިގައި އެންމެކުރިއްސުރެފެށިގެން މިއަދާއި ހަމަޔަށް އެކިއެކި ކާމިޔާބީތައް ހާޞިލުކުރަމުން އަންނަ އެއްރަށެއްގެ ޒުވާނުންތަކެއް އެކުލެވިފައިވާ ރަށެއްކަން ފާހަގަކޮށްލެއެވެ. އެކިއެކި މުބާރާތްތަކުގައި ރަންވަނަ ޙާސިލުކޮށްފައިވާ ރަށެއްކަން ފާހަގަކުރެވެއެވެ. ޒުވާނުން ކުޅެ އުޅޭ ކުޅިވަރުތަކުގެ ތެރޭގައި ފުޓްބޯޅަ، ބަށި، ބެޑްމިންޓަން ފަދަ ކުޅިވަރުތައް ހިމެނެއެވެ. އަތޮޅު ފެންވަރުގައާއި ޤައުމީ މުބާރާތްތަކުގައި ރަންވަނަތަކެއް ޙާސިލުކޮށްފައިވާ ރަށެއްކަން ފާހަގަކޮށްލެވެއެވެ.

ރަށުގެ ތާރީޚް

އޭދަފުށީގެ ތާރީޚްތަކުގައި ފާގަކޮށްލެވޭފަދަ ކަންތަކުގެ ތެރޭގައި ބ.ފުނަދޫގެ ރައްޔިތުން ފުރަތަމަ ބަދަލުކުރަންފެށިފައިވެއެވެ. އޭގެތެރެއިން ފުރަތަމަ 8 ގޭގެމީހުން އޭދަފުއްޓަށްބަދަލުކުރެވުނީ 18 އޯގަސްޓް 1968 ގައެވެ. ފުނަދޫގެ އަނެއް 15 ގޭގެމީހުން ބަދަލުކުރެވުނީ 18 އޯގަސްޓް 1968، އުޑޫދޫގެ ފުރަތަމަ 17 ގޭގެމީހުން ބަދަލުކުރެވުނީ 21 ސެޕްޓެމްބަރ 1968، އުޑޫދޫގެ 5 ގޭގެމީހުން ބަދަލުކުރެވުނީ 25 ސެޕްޓެމްބަރ 1968، މާއްޑޫގެ ފުރަތަމަ 8 ގޭގެ މީހުން ބަދަލުކުރެވުނީ 7 ނޮވެމްބަރ 1968، މާއްޑޫގެ 24 ގޭގެމީހުން ބަދަލުކުރެވުނީ 17 ޑިސެމްބަރ 1968ގައި ބަދަލުކުރެވިގެން ދިޔައެވެ. އޭރު އަތޮޅުވެރިއަކަށް ހުންނެވީ ބ.އޭދަފުށީ ރޯޝަނީގެ އަލްފާޟިލް ޔޫސުފް ކަލޭފާނުއެވެ. އޭދަފުށިގައި ވިލާކޮލެޖުގެ ކެމްޕަހެއް 4 ފެބްރުއަރީ 2013 ގައި ގިނަކޯސްތަކަކާއި އެކު ހުޅުވިގެން ދިޔައެވެ. 2008 ވަނަ އަހަރު ދުނިޔޭގެ ތިމާވެށީގެ ދުވަސް 05 ޖޫން ގައި އޭދަފުށީގައި ޤައުމީފެންވަރުގައި ފާހަގަ ކުރެވިފައިވެއެވެ. ބަޔޮސްފިއާ ރިޒާރވް އޮފީހަކާއި ކޮންޒަވޭޝަން ފަންޑެއް 13 ޖޫން 2012 ވަނަދުވަހު މިރަށުގައި ހުޅުވުނެވެ. 1985 ވަނައަހަރު އަހަރު ޤައުމީ މުބާރާތުގެ 2 ޑިވިޒަނުގެ ފުޓުބޯޅައިގެ ތަށި އޭދަފުށީ ޒުވާނުންގެ ޖަމުޢިއްޔާގެ ޓީމު ޙާސިލުކޮށްފައިވާކަން ފާގަކުރަމެވެ.

ކިޔާފައިވަނީ: 5920 ފަހަރު އެންމެފަހުން އަޕްޑޭޓް ކޮށްފައިވަނީ : އަންގާރަ, 03 މާޗް 2015 11:38

ފޮޓޯ ގެލެރީ

lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit
lorem ipsum dolor sit