ބ. އޭދަފުށީ އުތުރު ފަރާތު ބަނދަރުމަތީގައި ބަހައްޓާފައި ހުރި ގިނަ އަދަދެއްގެ ޕެޓްރޯލް ފީފާތަކަކާއި ގޭސް ފުޅިތަކެއްގައި ވަރަށް ގަދައަށް އަލިފާން ރޯވެ، ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
މިއަދު މެންދުރު 12 ޖަހާ އެހާކަންހާއިރު ހިނގި މި ހާދިސާގައި ބަނދަރުގެ ހުޅަނގު ފަރާތު ހުރަސް ވާޓަރުގައި ހުރި ގިނަ އަދަދެއްގެ ޕެޓްރޯލް ފީފާ އާއި ގޭސްފުޅި ތަކެއްގެ އިތުރުން ފެންފުޅިތަކެއްގައި ރޯވެ، ވަނީ އަނދާ ހުލިވެފަ އެވެ.
ހާދިސާ ހިނގިވަގުތު ޕެޓްރޯލް އަޅަން އެ ސަރަހައްދުގައި ބޮޑު ދޯންޏެއް އޮތެވެ. އަދި އެ ވަގުތު އެ ދޯނީގެ ވަލުގައިވެސް ވަނީ އަލިފާން ހިފައިފަ އެވެ. ނަމަވެސް ހަނިގޮތަކަށް ދޯނި ވަނީ ސަލާމަތް ކޮށްފަ އެވެ. އަދި އެވަގުތު ފަޅުގެ ހުޅަނގު ސަރަހައްދުގައި އަޅާފައިވާ ހުރިހާ އުޅަނދެއް ވަނީ އެތަނުން ދުރަށް ގެންގޮސްފަ އެވެ.
އަލިފާންގަނޑު ރޯވަމުން ދިޔަ ވަގުތު ބާރު އަޑުފައްގަނޑު ތަކާއެކު ގޭސް ފުޅިތައް ގޮވަމުންދިޔަ އިރު ވަރަށް ބޮޑަށް އަލިފާންގަނޑު ރޯވެފައި ހުއްޓެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންް ނުލިބެ އެވެ. ނަމަވެސް ޕެޓްރޯލް ހަންތަކުގައި ގާތްގަނޑަކަށް 6000-8000 ލީޓަރާ ގާތްކުރާ އަދަދަކަށް ޕެޓްރޯލް އަދި ގޭސްފުޅި ތެރޭގައި 70 ވަރަކަށް ގޭސްފުޅިއާއި 500 ވަރަކަށް ކޭސް ފެން ހުނާނާނެ ކަމަށް މި ތަކެތީގެ ވެރިފަރާތްތަކުން ވަނީ ވިދާޅުވެފައެވެ.
އަލިފާންގަނޑު ނިއްވާލެވުނީ ގަޑިއެއްހާއިރު ފަހުން ފުލުހުންނާއި ސޮނެވާފުށީގެ މުވައްޒަފުން ގެ އހީތެރިކަމާއި އެކުގައެވެ.
މި އަލިފާންގަނޑު ރޯވާން މެދުވެރިވި ސަބަބެއް އަދި ނޭގެއެވެ. އޭދަފުށި ޕޮލިސްޓޭޝަނުން އަންނަނީ މި މައްސަލަ ތަޙްޤީގް ކުރަމުންނެވެ.