ކައުންސިލްގެ ޒިންމާތައް

އަތޮޅު ކައުންސިލް

އަތޮޅު ކައުންސިލް   

(ހ) މި ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮންމެ އިދާރީ ދާއިރާއެއް ހިންގަންވާނީ މި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އެ އިދާރީ ދާއިރާ ހިންގުމަށް އިންތިޚާބުކުރާ އަތޮޅު ކައުންސިލުންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަތޮޅު ކައުންސިލަކީ، އެ ކައުންސިލް ނިސްބަތްވާ އިދާރީ ދާއިރާ ހިންގުމުގެ އެންމެ އިސް ފަރާތެވެ.
[(ނ) މި މާއްދާގެ (ހ) އާއި (ށ) އެހެން އޮތްނަމަވެސް، އިދާރީ ދާއިރާއެއް އެކުލެވިގެންވަނީ، މީހުން ދިރިއުޅޭ އެންމެ ރަށެއްގެ މައްޗަށް ކަމަށްވެފައި، އެ ރަށަކީ މި ޤާނޫނުގެ 47ވަނަ މާއްދާގެ ދަށުން ސިޓީއެއްގެ ދަރަޖަ ލިބި، ސިޓީ ކައުންސިލެއް ޤާއިމުވެފައިވާ ރަށެއް ކަމުގައިވާނަމަ، އެ އިދާރީ ދާއިރާއެއް ހިންގާނީ، އެ ރަށެއްގައި ޤާއިމުވެފައިވާ ސިޓީ ކައުންސިލުންނެވ.ެ އެ ޙާލަތުގައި އެ ސިޓީ ކައުންސިލަކީ، އެ ކައުންސިލް ނިސްބަތްވާ އިދާރީ ދާއިރާ ހިންގުމުގެ އެންމެ އިސް ފަރާތެވެ.]

ގާނޫނީ ޝަޚްޞިއްޔަތު    

މި ޤާނޫނުގެ 6 ވަނަ މާއްދާގެ ދަށުން އިންތިޚާބުކޮށް ޤާއިމްކުރެވޭ އަތޮޅު ކައުންސިލަކީ އަމިއްލަ ނަމުގައި ދަޢުވާކުރުމާއި، ދަޢުވާލިބިގަތުމުގެ ބާރު ލިބިފައިވާ އަދި އަމިއްލަ ނަމުގައި މުޢާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ވަކި ސިއްކައެއް އޮންނަ ޤާނޫނީ ޝަޚްޞެކެވެ

އަތޮޅު ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް    

އަތޮޅު ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނާއެއްގޮތްވާ ގޮތުގެމަތިން އެ އިދާރީ ދާއިރާއެއް ހިންގައި، އެ ދާއިރާ ތަރައްޤީކުރުމަށް މަސައްކަތްކުރުން.

(ށ) ރައްޔިތުންގެ ބައިވެރިވުމާއެކު ރަށްރަށުގެ ތަރައްޤީގެ ޕްލޭންތަކަށާއި މުޅި އިދާރީ ދާއިރާގެ ތަރައްޤީގެ މަޝްރޫޢުތައް ރޭވުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ކަމާބެހޭ ފަރާތްތަކަށް ދިނުން.
(ނ) ރަށު ކައުންސިލްތަކުން ހިންގާ ޙަރަކާތްތައް ވިލަރެސްކުރުމާއި އެ ކައުންސިލްތައް ހިނގާނުހިނގާގޮތް ބެލުން.
(ރ) މި ޤާނޫނުގެ ދަށުން އަތޮޅު ކައުންސިލަށް ލިބިދީފައިވާ ބާރާއި، މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި އެކައުންސިލެއްގެ އިޚްތިޞާޞްގައި ހިމެނޭ ކަންތައްތައް ތަންފީޛުކުރުމަށް ބޭނުންވާ ޕްލޭންތައް ހެދުމާއި، ބަޖެޓު ތައްޔާރުކުރުމާއި، ތަރައްޤީގެ މަޝްރޫޢުތައް ރަށު ކައުންސިލްތަކުން ތަންފީޛުކުރުމުގެ ކަންތައްތައް ހިނގާނުހިނގާގޮތް ބަލައި، އިދާރީ ދާއިރާގެ ފެންވަރުގައި އެކަށައަޅަންޖެހޭ ސިޔާސަތުތައް އެކަށައެޅުމާއި އެ ސިޔާސަތުތައް ތަންފީޛުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި އެއާގުޅޭ ގަވާއިދު ހެދުން.
(ބ) އިދާރީ ދާއިރާގައި ދިރިއުޅޭ ރައްޔިތުންގެ ނަމުގައި މި ޤާނޫނުގެ ދަށުން ނިންމަންޖެހޭ ކަންކަން ނިންމުން.
(ޅ) އިދާރީ ދާއިރާގެ ރައްޔިތުންގެ މާލިއްޔަތާއި އެންމެހައި ވަސީލަތްތައް ބެލެހެއްޓުން.
(ކ) ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާ އަދި އެނޫންވެސް ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އިޤްތިޞާދީ ނުވަތަ އިޖްތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި ފަރާއި ފަޅު ހޯދުމާއި، މިފަދަ ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމާއި ދިނުމާއި، މިފަދަ ތަންތަނުގައި އިންވެސްޓްކުރުމާއި އަދި މި އިންވެސްޓްމަންޓްތައް ކައުންސިލްގެ ނަމުގައި މިލްކުކުރުން.
(އ) އިޤްތިޞާދީ ނުވަތަ އިޖްތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި އުފުލޭ އަދި ނުއުފުލޭ މުދާ ހޯދުމާއި މިލްކުކުރުމާއި ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ މިފަދަ ތަކެތި، މި ޤާނޫނުގެ ދަށުން ހެދޭ ގަވާއިދުގައިވާ ގޮތުގެމަތިން، އެހެން ފަރާތްފަރާތައް ކުއްޔަށް ދިނުމާއި ދޫކުރުން.
(ވ) ތަރައްޤީގެ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ޙުދޫދުގެ ތެރޭގައި މާލީ އިދާރާތަކުން ދަރަންޏަށް ފައިސާ ނެގުމާއި، އެފަދަ ދަރަނިތަކުގެ ޙިމާޔަތެއްގެ ގޮތުގައި ކައުންސިލްގެ އެކިއެކި މާލީ ހައްޤުތަކާއި މަޞްލަޙަތުތަކާއި މިލްކިއްޔާތުތައް ދަރަނި ދޫކުރާ ފަރާތްތަކަށް ހުށަހެޅުމާއި ތަފާތު އެކި ކަންކަމަށް ފަންޑު އުފެއްދުން.

(މ) ތަރައްޤީގެ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް މި ޤާނޫނުގައި ކަނޑައަޅާފައިވާ ޙުދޫދުގެ ތެރޭގައި މުނިސިޕަލް ބޮންޑާއި، ބިލާއި މުނިސިޕަލް ސެކިއުރިޓީ ފަދަ އެކިއެކި މާލީ ސެކިއުރިޓީތައް އެކަށައަޅައި، އެފަދަ ސެކިއުރިޓީތައް ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް ވިއްކުން.
(ފ) އިދާރީ ދާއިރާގެ ފެންވަރުގައި ކައުންސިލުން ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އެކިފަރާތްތަކާއެކު އެގްރީމެންޓްކޮށް ވިޔަފާރީގެ މުޢާމަލާތުކުރުން.

(ދ) ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން އެ އިދާރީ ދާއިރާއެއްގެ ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި އެހެނިހެން ޞިނާޢަތުތައް ކުރިއެރުވުމަށް އެހީތެރިވެދީ މަސައްކަތްކުރުން.
(ތ) އަތޮޅު ކައުންސިލުން ދޭ ޚިދުމަތްތަކާއި ކައުންސިލް މެދުވެރިވެގެން ދޭ ޚިދުމަތްތަކަށް މި ޤާނޫނުގެ ދަށުން ހެދޭ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފީ ކަނޑައެޅުމާއި ފީ ނެގުން.
(ލ) މި ޤާނޫނުގައި ބުނެފައިވާ ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
(ގ) ކައުންސިލްގެ މެންބަރުން ބަދަލުވާ ޙާލަތްތަކުގައާއި ކައުންސިލްގެ ނަން ބަދަލުވާ ޙާލަތްތަކުގައި ކުރީގެ ކައުންސިލުން ކޮށްފައިވާ ކަންކަމަށް ޒިންމާ އުފުލުން.
(ޏ) ކައުންސިލަށް ނިސްބަތްވާ ސިއްކަ ސަރުކާރުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓަރީކުރުމަށްފަހު ބޭނުންކުރުން.

(ސ) ކައުންސިލްގެ އިދާރާ ހިންގުން.
(ޑ) ޤާނޫނަކުން ކަނޑައަޅާ މިނޫންވެސް ކަންކަން ކުރުން.
(ޒ) ރަށު ކައުންސިލްތަކުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބެލުން.
[(ޓ) ޤައުމީ ތަރައްޤީގެ އޮނިގަނޑު އެކުލަވާލުމުގައި ސަރުކާރުގެ ވުޒާރާތަކަށް ދޭންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުނ.ް
(ޔ) ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކަނޑައަޅާ އުޞޫލެއްގެ ދަށުން ސިޓީ ކައުންސިލާއި ރަށު ކައުންސިލްގެ އިޚްތިޞާޞްގައި ނުހިމެނޭ ފަޅުރަށްރަށް، ބެލެހެއްޓުމަށާއި އިޤްތިޞާދީ ބޭނުންތަކަށް ބޭނުންކުރުމަށްޓަކައި އެ އިދާރީ ދާއިރާގައި ހިމެނޭ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާ ޙަވާލުކުރުނ.ް
(ޕ) ކައުންސިލްގެ މަޤްޞަދުތައް ޙާޞިލުކުރުމަށް ނިންމާ ނިންމުންތަކާއި ހިންގާ ޙަރަކާތްތައް ހިނގާނުހިނގާ ގޮތް ބަލައި، ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް މަސައްކަތްކުރުނ.ް
(ޖ) ކައުންސިލް ހިންގުމަށް ބޭނުންވާ ސިޔާސަތުތަކާއި އުޞޫލުތަކާއި ގަވާއިދުތައް ފާސްކުރުނ.ް
(ޗ) ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކާއި އެކިއެކި ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކާއި ކައުންސިލާ ދެމެދު ގުޅުން ޤާއިމުކުރުން.]

އަތޮޅު ކައުންސިލްގެ ބާރު ހިނގާ ދާއިރާގެ ތެރޭގައި ހިމެނޭ ފަޅުރަށްތަކާއި ފަޅުތައް    

(ހ) މި ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާސހިނދަކު، އަތޮޅު ކައުންސިލް ނިސްބަތްވާ އިދާރީ ދާއިރާގައި ހިމެނޭ އެންމެހައި ފަޅުރަށްތަކާއި، ފަޅުތަކުގެ ތެރެއިން، ރަށު ކައުންސިލާއި ސިޓީ ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ނުހިމެނޭ އެންމެހައި ފަޅުރަށްތަކާއި ފަޅުތަކުގެ މިލްކުވެރި ފަރާތަކީ ދައުލަތެވެ.
(ށ) އަތޮޅު ކައުންސިލް ނިސްބަތްވާ އިދާރީ ދާއިރާގެ ތެރޭގައި ހިމެނޭ އެންމެހައި ފަޅުރަށްތަކާއި، ފަޅުތައް ސަރުކާރުގެ އެއްވެސް އިދާރާއަކުން ބޭނުންކުރަންވާނީ ނުވަތަ ތަރައްޤީކުރަންވާނީ ނުވަތަ އެހެން ފަރާތަކަށް ކުއްޔަށް ނުވަތަ ވަރުވާއަށް ދޫކުރަންވާނީ އަތޮޅު ކައުންސިލާ މަޝްވަރާކުރުމަށްފަހުގައެވ.ެ
(ނ) އަތޮޅު ކައުންސިލް ނިސްބަތްވާ އިދާރީ ދާއިރާގައި ހިމެނޭ ފަޅުރަށްތަކާއި ފަޅުތަކުގެ ތެރެއިން، ސިޓީ ކައުންސިލާއި ރަށު ކައުންސިލްގެ އިޚްތިޞާޞްގައި ނުހިމެނޭ ފަޅުރަށްރަށް، ބެލެހެއްޓުމަށާއި އިޤްތިޞާދީ ބޭނުންތަކަށް ބޭނުންކުރުމަށްޓަކައި އެ އިދާރީ ދާއިރާގައި ހިމެނޭ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާ ޙަވާލުކުރުމަށްޓަކައި އަތޮޅު ކައުންސިލާ ޙަވާލުކުރެވޭ ފަޅުރަށްތަކާއި ފަޅުތައް އެ އިދާރީ ދާއިރާއެއްގައި ހިމެނޭ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާ ޙަވާލުކުރަންވާނީ ސަރުކާރުން އެކަމަށް ކަނޑައަޅާ ވުޒާރާގެ ހުއްދަ ލިޔުމުން ހޯދުމަށް ފަހުގައެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހުއްދަ ހޯދުމަށް ކައުންސިލުން އެދޭ ތާރީޚުން ފެށިގެން ލަސްވެގެން ( 30 ތިރީސް) ދުވަހުގެ ތެރޭގައި ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ލިޔުމުން ޖަވާބުދޭންވާނެއެވ.ެ އަދި ސަރުކާރުން ނުވަތަ އަތޮޅު ކައުންސިލުން އެދޭ ހުއްދަ ސަރުކާރުގެ އެއްވެސް އިދާރާއަކުން ނުދޭން ނިންމާނަމަ، އެކަމުގެ ސަބަބުތައް އެ ލިޔުމުގައި ބަޔާންކުރަންވާނެއެވ.ެ މި މުއްދަތުގެ ތެރޭގައި ވަކި ޖަވާބެއް ނުލިބޭނަމަ އެދިފައިވާ ހުއްދައެއް ލިބުނީ ކަމުގައި ބެލެވޭނެއެވ.ެ
(ބ) އަތޮޅު ކައުންސިލްގެ ބާރު ހިނގާ ދާއިރާގެ ތެރޭގައި ހިމެނޭ އެންމެހައި ފަޅުރަށްތަކާއި، ފަޅުތަކާ ގުޅޭގޮތުން އަތޮޅު ކައުންސިލްއާއި، ސަރުކާރުން މި މާއްދާގެ ދަށުން ނިންމާ ނިންމުންތައް ވާންވާނީ، އަތޮޅުގެ ރައްޔިތުންގެ ލާބަޔަށް އިސްކަންދީގެން ނިންމާ ނިންމުންތަކެއް ކަމުގައެވެ.]

މުޅި އިދާރީ ދާއިރާގެ ލާބައާއި މަންފާއަށް މަސައްކަތްކުރުން       

މި ޤާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ބާރުތައް ކައުންސިލުން ބޭނުންކުރަންވާނީ، މުޅި އިދާރީ ދާއިރާގެ ލާބައާއި މަންފާއަށެވެ.

އަތޮޅު ކައުންސިލް އެކުލެވިގެންވާ ގޮތް      

އަތޮޅު ކައުންސިލް އެކުލެވިގެންވަނީ އަންނަނިވި ގޮތުގެމަތިންނެވެ.
(ހ) އެ ކައުންސިލް ނިސްބަތްވާ ސަރަޙައްދުގެ ރައްޔިތުންގެ މެދުގައި ދީމިޤްރާޠީ އުޞޫލުތަކުގެ މަތިން ސިއްރު ވޯޓަކުން ނަގާ އަތޮޅު ކައުންސިލްގެ ރައީސް؛
(ށ) އެ އިދާރީ ދާއިރާއެއްގައި ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލްގެ ރައީސް އަދި؛
(ނ) އެ އިދާރީ ދާއިރާއެއްގައި ސިޓީއެއް ހިމެނޭނަމަ އެ ސިޓީއެއްގެ މޭޔަރުގެ މައްޗަށެވެ.]