ކައުންސިލްގެ ޚިދުމަތްތައް
އަތޮޅު ކައުންސިލުން ދޭ ޚިދުމަތްތައް
މި ޤާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާރުތަކާއި މަސްއޫލިއްޔަތުތަކާ އެއްގޮތްވާ ގޮތުގެމަތިން، އިދާރީ ދާއިރާގައި ހިމެނޭ ރަށްރަށުގެ ރައްޔިތުންނަށް އަންނަނިވި ޚިދުމަތްތައް އަތޮޅު ކައުންސިލުން ދޭންވާނެއެވެ. މިގޮތުން ކަނޑައަޅާ ޚިދުމަތްތައް ދިނުމަށްޓަކައި ބޭނުންވާ ފައިސާއާއި އެހެނިހެން ވަސީލަތްތައް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ސަރުކާރުން ފޯރުކޮށްދޭންވާނެއެވެ.
(ހ) އިދާރީ ދާއިރާގައި ހިމެނޭ ރަށްރަށުގެ ތެރެއިން އެއް ރަށަށްވުރެ ގިނަ ރަށްރަށަށް ދޭންޖެހޭ ޚިދުމަތްތަކާއި އެކިއެކި ޤާނޫނުތަކުގެ ދަށުން އަތޮޅު ކައުންސިލާ ޙަވާލުކޮށްފައިވާ މަސައްކަތްތައް ކުރުން.
(ށ) ސަރުކާރުގެ މިނިސްޓްރީތަކާއި އެކިއެކި އޮފީސްތަކުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކުގެ ތެރެއިން، އެ މިނިސްޓްރީތަކާއި އޮފީސްތަކުން އަތޮޅު ކައުންސިލްތައް މެދުވެރިކޮށް އެ އިދާރީ ދާއިރާއެއްގައި ދޭން ކަނޑައަޅާ ޚިދުމަތްތައް ދިނުން.
(ނ) އިދާރީ ދާއިރާއެއްގައި ހުންނަ ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކަށް ބޭނުންވާނެ އެހީތެރިކަމާއި އެއްބާރުލުން ދިނުން.
(ރ) އިދާރީ ދާއިރާގެ އެންމެހައި ރަށްރަށާއި ބިންބިމުގެ ދަފްތަރު އެކުލަވައި، އެ ދަފްތަރު ބެލެހެއްޓުމާއި، ބިމާބެހޭ ޤައުމީ ދަފްތަރު އެކުލަވައި ބަލަހައްޓާ އިދާރާއަށް ބޭނުންވާނެ މަޢުލޫމާތު ފޯރުކޮށްދިނުން.
(ބ) ރަށު ކައުންސިލްތަކަށް ބޭނުންވާ ފަންނީ އަދި މާލީ އެހީ ފޯރުކޮށްދިނުމުގައި އެހީތެރިވުން.
(ޅ) ރަށު ކައުންސިލްތަކަށް ބޭނުންވާ ލަފާ ދިނުން
(ކ) އިދާރީ ދާއިރާގެ ތަރައްޤީގެ ޕްލޭންގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން ވަކި ރަށު ކައުންސިލަކާ ޙަވާލުނުކޮށް ހުންނަ މަޝްރޫޢުތައް ހިންގުން.
(އ) ކައުންސިލުން ދޭންޖެހޭނެ ކަމަށް ޤާނޫނަކުން ކަނޑައަޅާ މިނޫންވެސް ޚިދުމަތްތައް ދިނުން