ބ. ދަރަވަންދޫ

ރަށުގެ އާބާދީ

އެންމެ ފަހުން އަދާހަމަ ކުރެވުނީ: 20 މާޗް 2025 - 00:34

ތަފްސީލް
ޖުމްލަ
ފިރިހެން

613

އަންހެން

614

ޖުމްލަ
1227

ރަށުގެ މައުލޫމާތު

އާބާދީ
1227

މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫއަކީ އާބާދީގައި 1076 މީހުން ދިރިއުޅޭ މިއަތޮޅުގެ އިރުމަތީ ބިތުގައިވާ ރަށެކެވެ. ރަށުގެ ދިގުމިނުގައި 1663.07 މީޓަރު ހުރިއިރު ފުޅާމިނުގައި 545.18 މީޓަރު ހުރެއެވެ. ބޮޑުމިނުގައި 57 ހެކްޓަރު ހުންނައިރު، މިރަށަކީ މިއަތޮޅަށް ބަލާއިރު ބިމުގެ ސައިޒްގެގޮތުން ދެވަނައަށް އެންމެ ބިންބޮޑު ރަށެވެ. މިރަށާއި ވެރިކަން ކުރާރަށް އޭދަފުއްޓާއި ހުރި ދުރުމިނަކީ 6 މޭލެވެ. ވެރިރަށް މާލެއާއި ދެމެދު ހުރި ދުރުމިނަކީ 117.74 ކިލޯމީޓަރެވެ. ދަރަވަންދޫ ޑޮމެސްޓިކް އެއަރޕޯރޓްގެ ޚިދުމަތް ފެށުމުން މިސަރަޙައްދުގެ ދަތުރުފަތުރުގެ ނާރެހެއްގެ ގޮތުގައި މިރަށް ބެލެވޭއިރު، މިއަތޮޅުގައިވާ ޤާއިމުކުރެވިފައިވާ 18 ރިސޯޓަށް ފަތުރުވެރިން ގެންދިއުމުގައި މައިގަނޑުގޮތެއްގައި ބޭނުންކުރެވެނީ ދަރަވަންދޫ ޑޮމެސްޓިކް އެއަރޕޯރޓެވެ. މިރަށަށް ހިމެނޭ ސަރަޙައްދުގައި ހިމެނޭ "ހަނިފަރު ބޭ" އަދި "ދަރަވަންދޫ ތިލަ" ފާހަގަކުރެވެނީ ގުދުރަތީ ގޮތުން ޚާއްޞަ ތަންތަން ގޮތުގައެވެ.


ތަޢުލީމު

ބ. އަތޮޅު ޕްރައިމަރީ ސްކޫލްގެ ނަމުގައި ސްކޫލް ހުޅުވުނީ 1979 މާރިޗު 11 ވަނަ ދުވަހުއެވެ. ހުޅުއްވާ ދެއްވީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމެވެ. ފަހުން ދަރަވަންދޫ ޕްރައިމަރީ ސްކޫލްގެ ނަމަށް ބަދަލުކުރެވިފައިވެއެވެ.

ޖަޕާނު ސަރުކާރު ހިލޭ އެހީގެ ދަށުން ސްކޫލެއް ބިނާކޮށްދެއްވައި ބ. އަތޮޅު މަދަރުސާގެ ނަމުގައި ހުޅުވުނީ 1986 ޖަނަވަރީ 21 ވަނަ ދުވަހުއެވެ. ހުޅުއްވާދެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން އަލްފާޟިލް މުޙައްމަދު ޒާހިރު ޙުސައިންއެވެ.

1989 ވަނަ އަހަރު ފުރަތަމަ ފަހަރަށް ހެޑްމާސްޓަރަކާއި ބިދޭސީ ޓީޗަރަކު ސްކޫލުގައި ޚިދުމަތްކުރަން ފެއްޓެވިއެވެ. 2000 ވަނަ އަހަރުން ފެށިގެން ޘާނަވީ އިމްތިޙާނުތައް ހަދަން ފެށިފައިވެއެވެ.

ގްރޭޑް 1 ން 10 ހަމައަށް ކިޔަވާ ދެމުން ދާއިރު މިހާރު ސްކޫލްގެ އާބާދީއަކީ 129 ދަރިވަރުންނެވެ. އެއީ 62 އަންހެން ކުދިންނާއި 67 ފިރިހެން ކުދިންނެވެ. ދިވެހި 14 ޓީޗަރުން ޚިދުމަތުގައި ތިއްބެވިއިރު ބިދޭސީ މުދައްރިސުންގެ އަދަދީ 6 އެވެ. ބ. އަތޮޅު މަދަރުސާއަކީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލެކެވެ.

ސްކޫލްތަކުގެ ފެންވަރުގައި ބޭއްވޭ މުބާރާތްތަކުގައި ސްކޫލްގެ ދަރިވަރުން ބައިވެރި ގިނަ ކާމިޔާބުތަކެއް ހޯދާފައިވެއެވެ. އެގޮތުން ލަވަ މުބާރާތް، ވާހަކަ ދެއްކުމުގެ މުބާރާތް، ޅެން ހެދުމުގެ މުބާރާތް ފަދަ މުބާރާތްތަކުން ސްކޫލްގެ ދަރިވަރުން ފަޚުރުވެރި ވަނަތައް ހާޞިލުކޮށްފައިވެއެވެ.

ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުންވެސް ސްކޫލްގެ ދަރިވަރުން އަންނަނީ ރަންވަނަ ތަކެއް ހޯދަމުންނެވެ.

ސްކޫލްގެ ޢުމުރާނީ ތަރައްޤީއަށް ފާއިތުވީ އަހަރުތަކުގައި ބޮޑެތި ކުރިއެރުންތައް ހޯދިފައިވެއެވެ. އެގޮތުން ސަރުކާރުގެ ފަރާތުން 4 ކްލާސްރޫމުގެ ދެބުރި ޢިމާރާތެއް ކޮށްދެއްވާފައިވެއެވެ. ބެލެނިވެރިންގެ އެހީތެރިކަމާއެކު ކޮމްޕިއުޓަރ ލެބެއް ޤާއިމުކުރެވިފައިވެއެވެ. އެހެޔޮ އެދޭ ފަރާތްތަކެއްގެ އެހީގައި އިތުރު ކްލާސް ރޫމާއި ސައިންސް ލެބް އަދި ލައިބްރަރީ ހިމެނޭ ގޮތަށް ދެ ބުރީގެ ޢިމާރާތްކުރެވިފައިވެއެވެ.

ޅަފަތުގެ ތަޢުލީމަށް ބަލާއިރު ދަރަވަންދޫ ޕްރީސްކޫލް ގައި 68 ދަރިވަރުން ކިޔަވަމުން އާދެއެވެ. ޕްރީސްކޫލް ހިންގަނީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުންނެވެ.

ޞިއްޙަތު

ދަރަވަންދޫ ހެލްތް ޕޯސްޓް ހުޅުވުނީ 2004 މާރިޗު 20 ގައެވެ. ހުޅުއްވާދެއްވީ މިނިސްޓަރ އޮފް އިންފޮރމޭޝަން އަލްފާޟިލް އަޙްމަދު ޢަބްދުﷲއެވެ. ފުރަތަމަ ޚިދުމަތް ދެވިފައިވަނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 7:30 ން މެންދުރު ފަހު 2:30 ހަށެވެ. އަދި ރޭގަނޑު 8:30 ން 10:30 އަށް ޖުމުލަ 9 ގަޑިއިރެވެ. ހެލްތު ޕޯސްޓް ޞިއްޙީ މަރުކަޒަކަށް ބަދަލުކުރެވި ޚިދުމަތްތައް އިތުރުއަށް ފުޅާކުރެވިފައިވެއެވެ. ޞިއްޙީ މަރުކަޒުން ދެވޭ ޚިދުމަތްތަކުގެ ތެރޭގައި ބަލި މީހުން ބެލުން، ބޭސްއެޅުން، އިންޖިކްޝަން ޖެހުން، މާބަނޑު މީހުންގެ ކްލިނިކް، ކުޑަކުދިން ކިރުމުގެ ޕްރޮގްރާމް، ހޯމްވިޒިޓް، ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމް، ވެކްސިން ޕްރޮގްރާމް، އެން ސީ ޑީ ކްލިނިކް، ހޮޓާ ކެފޭ، ފިނިކުރި ތަކެތި ހަދާ ތަންތަން، ވިޔަފާރި ކުރާ ތަންތަން ޗެކުކުރުން، ސާފުތާހިރުކަން ޗެކްކުރުން، ސަލާމުގެ ސެޓްފިކެޓް އަދި މެޑިކަލް ރިޕޯޓް ދޫކުރުން ހިމެނެއެވެ. ޞިއްޙީ މަރުކަޒަށް އިތުރުކުރެވުނު ޚިދުމަތްތަކުގެ ތެރޭގައި ލެބޯޓްރީގެ ޚިދުމަތާއި، އީސީޖީ އަދި އެމްބިއުލާންސްގެ ޚިދުމަތް މިހާރު ހިމެނެއެވެ.

2013 ޖުލައި 16 ވަނަ ދުވަހުން ފެށިގެން ޞިއްޙީ މަރުކަޒުގެ ޚިދުމަތް 15 ގަޑިއިރަށް ވަނީ ބަދަލުކުރެވިފައެވެ. މިވަގުތު ޞިއްޙީ މަރުކަޒުގައި ޚިދުމަތް ކުރަމުން ގެންދަނީ 21 މުވައްޒަފުންނެވެ.


މަސައްކަތްތެރިކަން

ދަރަވަންދޫއަކީ މަސައްކަތްތެރި ރައްޔިތެއް އުޅޭ ރަށެކެވެ. އެގޮތުން ކުރާ މަސައްކަތްތަކުގެ ތެރޭގައި މަސްވެރިކަން، ގަނޑުވެރިކަން، ގެސްޓް ޝޮޕް ހިންގުން، ގެސްޓް ހައުސް ވިޔަފާރި، ރިސޯޓްތަކުގެ ވަޒީފާ، ވަޑާންކުރުން، ރޭނުމުގެ މަސައްކަތް، ފަންގިވިނުން ފަދަ މަސައްކަތް ހިމެނެއެވެ. ވަޒީފާގެ ފުރުސަތު ފަހިވެފައިވާތީވެ، ގިނަ އަދަދެއްގެ މީހުން ރަށުގައި ވަޒީފާތަކުގައި ޙަރަކާތްތެރިވަމުން ދެއެވެ.

 

ކުޅިވަރުތައް

ޒުވާނުން ކުޅެ އުޅޭ ކުޅިވަރުތަކުގެ ތެރޭގައި ފުޓްބޯޅަ، ވޮލީ، ބަށި، ނެޓް ބޯޅަ، ބެޑްމިންޓަން ފަދަ ކުޅިވަރުތައް ހިމެނެއެވެ. އަތޮޅު ފެންވަރުގައި ބޭއްވޭ މުބާރާތްތަކުގައި ވާދަކުރަމުން ދެއެވެ.

 

ދަރަވަންދޫގެ ތާރީޚް

ތާރީޚީ ގޮތުން އެނގެންފެށީސުރެ މިއަތޮޅުގެ ވެރިކަން 4 ޖޫން 1962 ގައި އޭދަފުއްޓަށް ބަދަލުކުރުމާއި ހަމައަށް އަތޮޅުވެރިކަން ކޮށްފައިވަނީ ދަރަވަންދޫގައެވެ. ސަރުކާރުން މި އަތޮޅު ގައި އެންމެ ފުރަތަމަ މަދަރަސާއެއް ހުޅުވާދެއްވި ދަރަވަންދޫގައެވެ. އެއީ ސުމުއްވުލްއަމީރު އަލްމަރުޙޫމް މުޙައްމަދު އަމީން ރާއްޖޭގެ އުތުރުގެ ބައެއް އަތޮޅުތަކަށް އެޗް.އެމް.އެސް " މާޅޮއީ"ގައި ކުރެއްވި ދަތުރުފުޅެއްގައި ދަރަވަންދޫއަށް ވަޑައިގެން ހިޖުރައިން 1363 ވަނަ އަހަރުގެ ރަބީޢުލްއައްވަލްމަހުގެ 5 ވަނަ ދުވަހުއެވެ.