ބ. ކެންދޫ

ރަށުގެ އާބާދީ

އެންމެ ފަހުން އަދާހަމަ ކުރެވުނީ: 20 މާޗް 2025 - 01:03

ތަފްސީލް
ޖުމްލަ
ފިރިހެން

763

އަންހެން

659

ޖުމްލަ
1422

ރަށުގެ މައުލޫމާތު

އާބާދީ
1422

މި ރަށަކީ އާބާދީގައި 1200 އަށްވުރެ ގިނަ މީހުން ދިރިއުޅޭ އަތޮޅުގެ އުތުރު ބިތުގައި އަތޮޅުވެރިކަންކުރާ ރަށް އޭދަފުއްޓާ އެންމެ ދުރުގައި އޮންނަ މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ބިމުގެ ގޮތުން އެންމެ ކުޑަ ރަށެވެ. ރަށުގެ ރައްޔިތުން ދިރިއުޅުމަށްކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމާއި، ފަންގިވިނުމެވެ. ރަށުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށްވުރެ ގިނައީ ކައިރި ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނެވެ. ރޭނުމާއި ވަޑާމުގެ މަސައްކަތަކީވެސް މިރަށުގައި މީގެ ކުރީގައި ރަށުގެ މީހުން އާމްދަނީ ހޯދުމަށް ކޮށްއުޅުނު މަސައްކަތްތަކެއް ނަމަވެސް މިހާރު މިމަސައްކަތްތަކުގައި ގިނައިން ހަރަކާތްތެރިވަނީ ބިދޭސީންނެވެ. މަސްވެރިކަން ކުރަނީ މޫސުމަށް ބަލައި އެއިރެއްގައި އޮންނަ އެންމެ ރަނގަޅަށް ނަފާ ލިބޭ މަސްވެރިކަމެކެވެ. އެގޮތުން އެކިދުވަސްވަރު ބޮޑުކަންނެލީގެ މަސްވެރިކަމާއި، ހިބަރުވެރިކަމާއި ފަރުމަހުގެ މަސްވެރިކަމާއި ދޮށީގެ މަސްވެރިކަން ކުރެއެވެ.ގިނަމީހުން ކޮށްއުޅެނީ ފަރުމަހުގެ މަސްވެރިކަމެވެ. މަހުގެ ވިޔަފާރިއާއި ކާބޯތަކެތި ވިއްކުމުގެ ވިޔަފާރިކުރާ ގިނަ ފަރާތްތަކެއްވެސް ދިރިއުޅޭ މިރަށުގައި މާލެދަތުރުކުރާ ބޮޑު ބޯޓަކާއި މީހުން މާލެއާ ރަށާދެމެދު ދަތުރުފަރުތު ކުރުމަށް އަމިއްލަފަރާތެއްގެ ފެރީ ލޯންޗެއްގެ ޚިދުމަތްވެސް ހަފުތާއަކު ދެދުވަހު ލިބެއެވެ. މީގެ އިތުރުންވެސް އެއްރަށުން އަނެއްރަށަށް ފަސިންޖަރުން އުފުލައިދޭ އަމިއްލަ ފަރާތްތަކުން ޙިދުމަތްދޭ ލާންޗްތައް ހުރެއެވެ.
ސަޤާފީ ކުޅިވަރުތަކަކީ މިރަށުގައި ވަރަށް ފަހަކާ ޖެހެންދެންވެސް ދިރުވާ އާލާކޮށް ކޮންމެ އަހަރެއްގެ ޢީދު ބަންދުތަކުގައި އެކުޅިވަރުތައް ކުޅެމުން އައިސްފައިވާ ރަށެއްނަމަވެސް މިކުޅިވަރުތަކުގައި ބައިވެރިވާ ބޭފުޅުންގެ ޢަދަދު މަދުވަމުންދާތީ ބައެއްކަހަލަ ކުޅިވަރުތައް ދަނީ އުވިގެން ނެތެމުންނެވެ.

ތަޢުލީމު

244 ދަރިވަރުން ކިޔަވަމުންދާ ކެންދޫސްކޫލްގައި 2014 ވަނަ އަހަރުގެ ޖޫންމަހުން ފެށިގެން ގްރޭޑް 11 އުފައްދަވައި ކިޔަވައިދެމުންގެންދެއެވެ. ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުވެ އެއްދުވަހުން އަނެއްދުވަހަށް ދަނީ ކުރިއަރަމުންނެވެ.
ކެންދޫ އައިސިރު ޕްރީ ސްކޫލް ހިންގަމުން ގެންދަނީ އަމިއްލަ ޖަމްއިއްޔާއަކުންނެވެ. ޖުމްލަ 6 މުވައްޒަފުންނާއެކު ކިޔަވައިދިނުން ކުރިޔަށް ގެންދާއިރު ޖުމްލަ 74 ކުދިން ސްކޫލްގައި ކިޔަވަމުން ގެންދެއެވެ.

ޞިއްޙަތު

މިރަށުގައި ބަލިމީހުންނަށް ފަރުވާ ކުރުމަށްޓަކައި ސަރުކާރުން ހައްދަވައިދެއްވާފައިވާ ރަނގަޅު ފެންވަރެއްގެ ސިއްޙީ މަރުކަޒަކާއި ޑޮކްޓަރެއްގެ ޙިދުމަތް ލިބެން ހުރެއެވެ. 08 ގަޑިއިރު ޚިދުމަތް ދެމުންގެންދާ މިމަރުކަޒުގައި ލެބޯޓްރީއަކާއި ބަލިމީހުން އުފުލުމަށްޓަކައި އެމްބިއުލާންސެއްގެ ޚިދުމަތްވެސް ދެއެވެ. އަމިއްލަ ފަރާތަކުން ހިންގާ ބޭސްފިހާރައެއް ސިއްޙީ މަރުކަޒާއި ކައިރީގައިހުރެއެވެ.
މިރަށަކީ އިހުޒަމާނުއްސުރެ ދިވެހި ބޭސްވެރިކަމުގެ މަސައްކަތް ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުންއަންނަ ރަށެކެވެ. ރާއްޖޭގެ އެކިހިސާބުތަކުން ދިވެހި ބޭސްކުރުމަށްޓަކައި ވަރަށް ގިނަ މީހުން ރަށަށް އާދެއެވެ.
ރަށުގެ ސާފުތާހިރުކަމާއި އާންމުންގެ ރައްކާތެރިކަމަށްޓަކައި ހިންގޭ ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމްތަކުގެ އިތުރުން ރަށުގެ ސިއްހީ މަރުކަޒުގެ ފަރާތުން މަދިރި އުފެދި އާލާވާ ގޮތަށް ހުންނަ ތަންތަނާއި ތަކެތި ނައްތާލުމާއި މަދިރިން ރައްކާތެރިވާނޭ ގޮތްތަކާއި ބެހޭގޮތުން އާންމުންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތައްވެސް ހިންގައެވެ.

ކެންދޫގެ ތާރީޚް

މިއީ ރާއްޖޭގެ ޤަދީމީ ރަށެކެވެ. މިރަށުގައި މިހާރު ތިބި މީހުންގެ ތެރޭގައި ލުންފަރެންސް ފަޅުކޮށްފައި ފޭބި މީހުން ހިމެނެއެވެ. ރާއްޖޭގައި ރަސްކަން ކުރި " މާލެއި" އާއިލާގެ ރަސްކަމުގެ ތެރޭން މި ރަށުގެ ބޭކަލުން ވަޒީރުންގެ ތިއްބެވިއެވެ.އަދި ބައެއް ބޭކަލުން އެ އާއިލާގެ ބޭފުޅުން ކައިވެނި ބައްލަވައިގެން އުޅުއްވިކަންވެސް އެނގެއެވެ. މި ބޭކަލުންގެ ތެރޭގައި " ކެންދޫ ވެންގެ ހެލި ކަލޯ " ހިމެނެއެވެ. ތަބްރޭޒްގެފާނުގެ މާޤާމެއް މިރަށުގައި ހުރެއެވެ. އެމަޤާމަކީ އެރަށު މީހުން ވަރަށް ހުރުމަތްތެރިކޮށްހިތާ ތަނެކެވެ. ތަބްރޭޒްގެ ފާނުގެ އަސްލު ނަންފުޅަކީ މައުލާނަލް ޙާފިޟު އަބުލްބަރަކާތު ޔޫސުފް ބަރުބަރީ ކަމުގައި އެވޭލާ ޒަމާނުއްސުރެ ދޫމަތިން ކިޔަމުން އަންނާތީ، ދިވެހިރާއްޖޭގެ ކަންކޮޅުތަކުންވެސް މި ދެންނެވިގޮތަށް އެމަޤާމު މަޝްހޫރުވެފައިވެއެވެ. އެމަޤާމު ފުރަތަމަ ޢިމާރަތްކުރެވުނީ ކޮންދުވަސް ވަރެއްގައި ކަން ތާރިޚީ ގޮތުން އެނގޭކަށް ނެތެވެ.ތުންތުން މަތިން ދެކެވުނު ނަގުލުވަމުން އަންނަ ވާހަކަ ތަކުން އެނގެނީ ، އެމަޤާމަކީ ދިވެހި ރާއްޖެ އިސްލާމް ކުރެވުނު ދުވަސްވަރު އެބޭކަލަކު ކެންދުއަށް ވަޑައިގެން ކެންދޫގެ މީސްތަކުންނަށް އިސްލާމްދީނަށް ގޮވައިލެއްވުމުގައި ރަށުގައި މަޑުކުރެއްވި ވަގުތު ކޮޅުގައި ނަމާދުފުޅު ކުރެއްވުމަށް ހުންނެވިތަން ނުވަތަ އެމަޤާމް ފާހަގަ ކުރުމުގެ ގޮތުން ހެދިފައިވާ ބިނާއެއްކަމުގައެވެ. ވޭތިވެދިޔަ ދިގު ޒަމާންތަކުގައި އެމަޤާމް އެތައް ފަހަރަކު މަރާމާތުކޮށް އައު ކުރެވިފައިވެއެވެ. މި މަސައްކަތް ކުރަމުން ގެންދަނީ ކެންދޫގެ ރައްޔިތުންނެވެ. އެމަޤާމު ބައުވިޔަނުދީ އައު ކުރެވިފައިވެއެވެ. މި މަސައްކަތް ކުރަމުން ގެންދަނީ ކެންދޫގެ ރައްޔިތުންނެވެ. އެމަޤާމްފުޅު ބައުވިޔަ ނުދީ އާބާދު ކޮށް ބެލެހެއްޓުމަށްޓަކައި އައްސުލްތާނު މުޙައްމަދު މުޢީނުއްދީން ( އައްސާނީ) ބަންޑާރައިންގެ ދުވަސްވަރު އެރަސްގެފާނު ކެންދޫ ގޮއިފާ ލައްބަ މަޤާމުފުޅަށް ދެއްވައި ލިޔުއްވާފައިވާ ފަތްކޮޅެއް ދެއްވާފައި އޮތްކަމާއި ، އެފަތްކޮޅު ބައުވެގެން އެތަކެއް ރަސްކަލުން އައުކޮށް ދެއްވަމުން ގެންދަވަފައިވާކަމާއި ، އެންމެފަހުން އަލްއަމީރު ޢަބްދުލް މަޖީދު ރަންނަ ބަނޑޭރި ކިލެގެފާނު ބޮޑުވަޒީރުކަމުގެ ދުވަސްވަރުގައި ފަތްކޮޅު މާލެ ގެންދަވައި އައު ކުރައްވާފައިވާ ފަތްކޮޅެއް ދެއްވި ކަމުގައި އެދުވަސްވަރު ތިއްބެވި ރަށުގެ ވެރިންގެ ކިބައިން މަޢުލޫމާތުލިބިފައިވެއެވެ.އަދި ހަމަ އެފަތްކޮޅު އަލްއަމީރު އިބްރާޙީމް ނާޞިރުގެ ބޮޑުވަޒީރުކަމުގެ ދުވަސްވަރު މާލެގެންދެވިކަމަށާއި އޭގެފަހުން އެފަދަ ލިޔުމެއް ނުދެއްވާކަމަށް ވެއެވެ.އެހާތަނުން މަޤާމުފުޅަށް ކުރިންސުރެ އޮތް ބޯގަ ކަނޑުއްވާލައްވައި ގޮއިފާ ލައްބަ ވަކި ކުރެއްވިއެވެ.ނަމަވެސް އެ ތަން ބަލަހައްޓަމުން މަރާމާތު ކުރަމުން ގެންދަނީ ކެންދޫ ރައްޔިތުންނެވެ. ކެންދޫގައި ހުންނަ އިސްވެދެންނެވުނު މަޤާމުފުޅަކީ ތާރިޚީ ގޮތުން މުޚިއްމު ތަނެއްގެ ގޮތުގައި ސަރުކާރުން ބައްލަވާ ތަނަކަށް ނުވާކަމާއި، ރާއްޖޭގައި ހުރި އާސާރީ ތަންތަންކަމަށް ސަރުކާރުން ބައްލަވާ ތަނުގެ ލިސްޓްގައި ހިމަނުއްވާފައިވާ ތަނަކަށް ނުވާތީ 2000 ވަނަ އަހަރުގެ ފަހުން އެމަޤާމުފުޅު ބެލެހެއްޓުން ކެންދޫގެ ރައްޔިތުންވަނީ ދޫކޮށްލައްވާފައެވެ.އެހެން ނަމަވެސް މަޤާމުފުޅު ބައުވެ ވީރާނާ ވަމުން ގޮސް މިހާރު ވަނީ އެއްކޮށް ނެތިގެން ގޮސްފައެވެ.

Island Map

ރަށުގެ ޗާޓް