
ބ. އަތޮޅު ކައުންސިލްގެ 2024 ވަނަ އަހަރުގެ ކާމިޔާބީ ފާހަގަކުރުމަށާއި އަދި 2025 ވަނަ އަހަރަށް އަތޮޅުގެ ރައްޔަތުންނަށް ދެވޭ އެހީތައް އިއުލާން ކުރުމަށް ހަފުލާއެއް ބާއްވައިފި
ބ. އަތޮޅު ކައުންސިލްގެ 2024 ވަނަ އަހަރުގެ ކާމިޔާބީ ފާހަގަކުރުމަށާއި އަދި 2025 ވަނަ އަހަރު އަތޮޅުގެ ރައްޔަތުންނަށް ދެވޭ އެހީތައް އިއުލާން ކުރުމަށް، ދިވެހިރާއްޖޭ ލާމަރުކަޒީ ދުވަސްކަމުގައި ފާގަކުރާ 26 ފެބުރުވަރީ 2025 ވީ ބުދަ ދުވަހުގެ ރޭ، އޭދަފުށީ މަލްޓިޕާޕަސް ހޯލުގައި ބާއްވައިފިއެވެ.
މިރަސްމިއްޔާތުގައި 2024 ވަނަ އަހަރު ކާމިޔާބު ކަމާއެކު ނިންމާލެވުނު އެންމެ މުހިއްމު ހަރަކާތެއްގެ ގޮތުން ފާހަގަ ކުރެވުނީ، އާސިއާންގެ ބައެއް ގައުމުތަކުގެ ކައުންސިލަރުންނާއި އެކު، ދިވެހިރާއްޖޭގެ ތާރީޚުގައި މުޅިން އަލަށް ބޭއްވިގެންދިޔަ ބައިނަލްއަގުވާމީ ކައުންސިލަރުންގެ ފޯރަމެވެ. މިފޯރަމް ބޭއްވިގެން ގޮސްފައިވަނީ ބ. އޭދަފުށީގައެވެ. މީގެ އިތުރުން ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވުނު އެހެން ބައެއް މުހިއްމު ހަރަކާތްތަކުގެ ތެރޭގައި ބ. އަތޮޅު ކައުންސިލްގެ އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއު އިފްތިތާހު ކުރުމާއި، ބ. އަތޮޅުގެ ފަރުތައް ދިރުވާ އާލާކުރުމާއި، ބ. އަތޮޅުގައި ދެމެހެއްޓެނިވި ގޮތުގައި ކުނި މެނޭޖުކުރުމުގެ ޕްލޭން ތައްޔާރުކުރުމާއި، ވާހަކަ ދެއްކުމާއި އަޑުއިވުމުގެ ދަތިކަން ހުރި ކުދިންނަށް ތެރަޕީ ދިނުމުގެ ކޭންޕަކާއި، ބ. އަތޮޅު ފުޓްސަލް މުބާރާތާއި، ބ. އަތޮޅު ގުރުއާން މުބާރާތާއި، މެރިން ބައިލޮޖިސްޓުން ތަމްރީނުކުރުމުގެ ޕްރޮގްރާމާއި، ސްކޫލް ދަރިވަރުންގެ ކެރިއަރ ގައިޑެންސް ޕްރޮގްރާމާއި، ކައުންސިލްތަކުގެ މުވައްޒަފުންނަށް އޮޓޯ ކޭޑް ދަސްކޮށްދިނުމާއި އަދި މިނޫންވެސް މީހުން ބިނާ ކުރުމުގެ އެތައް ޕްރޮގްރާމެއް ހިމެނެއެވެ.
2024 ވަނަ އަހަރުގެ ކާމިޔާބީ ފާހަގަ ކުރުމުގެ އިތުރުން، ބ. އަތޮޅުގެ ރަށްރަށުގައި ދެވޭ އާއްމު ޚިދުމަތްތަކުގެ ފެންވަރު ރަގަޅު ކުރުމުގެ ގޮތުން، 2025 ވަނަ އަހަރު ބ. އަތޮޅު ކައުންސިލުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ އެހީތެރިކަން އިއުލާންކޮށް އެކަމުގެ ރަމްޒީ ފިލާ އެޚިދުމަތެއް ދެއްވަމުން ގެންދަވާ ފަރާތްތަކަށް ހަވާލުކުރެވިގެން ދިޔައެވެ. އެގޮތުން ބ. އަތޮޅު ހޮސްޕިޓަލަށް ހަދިޔާ ކުރެވުނު ޑެންޓަލް ޗެއަރ އާއި، ބ. އަތޮޅުގެ ކުނި މެނޭޖުކުރުން ހަރުދަނާ ކުރުމަށް ކޮންމެ ރަށަކަށް ހަދިޔާކުރި 7 ލައްކަ ރުފިޔާއާއި، ބ. އަތޮޅު ހުރިހާ ސްކޫލްތަކެއްގެ ހުރިހާ ގޮތުކުން އެންމެ މޮޅު ދަރިވަރަށް ހަދިޔާ ކުރުމަށް ލެޕްޓޮޕް ހަވާލުކުރުމާއި އަދި ޕްރީ ސްކޫލްތައް ހިންގުމަށް ކޮންމެ ޕްރީ ސްކޫލަކަށް ފަނަރަ ހާސް ރުފިޔާ ހަދިޔާކުރުން ފާހަގަކުރެވެއެވެ. މީގެ އިތުރުންވެސް ބ. އަތޮޅު ކައުންސިލްގެ އެހީ ދިނުމަށް ފާސްކޮށްފައިވާ އުސޫލުގެ ތެރެއިން އެކިއެކި ފަރާތްތަކަށް ތަފާތު ކަންކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ކާމިޔާބު ކަމާއެކު ކުރިއަށްދިޔަ މިހަފުލާ ޝަރަފުވެރިކޮށްދެއްވީ ބ. އަތޮޅުގެ ކުރީގެ އަތޮޅު ވެރިއެއްކަމަށްވާ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑެވެލޮޕްމަންޓް ޑރ. އަބްދުއްރަހީމް ހަސަނެވެ.