ބ. އަތޮޅުގައި އަޑުއިވުމާއި އަދި ވާހަކަ ދެއްކުމުގެ ދަތިކަން ހުންނަ ކުދިންނަށް ފަރުވާދިނުމަށް ކޭންޕެއް ބާއްވައިފި

15 ޖެނުއަރީ 2025 - 11:42

ބ. އަތޮޅު ކައުންސިލާއި އަދި އެޑްވޮކޭޓިން ރައިޓްސް އޮފް ޗިލްޑްރެން (އާކް) ގުޅިގެން ބ. އަތޮޅުގެ ތިން ރަށެއްގައި ސްޕީޗް އެންޑް ހިއަރިން ކޭމްޕެއް ބާއްވައިފި އެވެ.

މި ކޭމްޕް ކުރިއަށްގެންގޮސްފައިވަނީ، ދޮންފަނު، ކެންދޫ ދަރަވަންދޫ، އަދި އޭދަފުށީގައި މިމަހުގެ 5-7 ގެ ނިޔަލަށެވެ.

މި ކޭމްޕުގައި ވަނީ އަޑުއިވުމާއި ވާހަކަ ދެއްކުމުގެ ދަތިކަން ހުންނަ ކުޑަކުދިންނަށް އެ ރަށްރަށުގައި ހިލޭ ޓެސްޓުތައް ހަދައިދީފަ އެވެ.

މިކޭންޕުގައި ފަރުވާދިނުމުގައި ހަރަކާތްތެރިވެފައިވަނީ ރާއްޖެ އިން ބޭރުގެ ސްޕީޗް ތެރަޕިސްޓެއް މެދުވެރިކޮށެވެ. އެގޮތުން ކޮންސަލްޓޭޝަނާއި ޑައިގްނޯސިސް އަދި އިންޑިވިޖުއަލް އެސެސްމަންޓާއި އޯޑިއޯމެޓްރިކް ޓެސްޓުތައް ވެސް ހެދުމުގެ ފުރުސަތު ލިބެގެން ދިޔައެވެ. 

މީގެ އިތުރުން މި ކޭމްޕްގައި ވަނީ ރަށްރަށުގެ ސްކޫލްތަކުގައި މަސައްކަތްކުރާ ސްޕެޝަލް އެޑިއުކެޝަން ނީޑްސް (ސެން) ޓީޗަރުންނާއި ފައުންޑޭޝަން ސްޓޭޖުގެ ޓީޗަރުންނަށް މައުލޫމާތު ދިނުމުގެ މަސައްކަތު ބައްދަލުވުންތައް ވެސް ކުރިއަށް ގެންގޮސްފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއެކު މަސައްކަތްކުރާ ޓީޗަރުންނަށް ކްލާސް ރޫމުގައި ބޭނުން ކުރެވޭނެ ފަސޭހަ އިންޓަވެންޝަންތައް އަދި ކުޑަކުދިން ވާހަކަ ދެއްކުމުގައި ހުންނަ ދަތިތައް ފާހަގަކޮށް، އެ ކަންކަމަށް ހައްލު ހޯދައިދިނުމަށް ކުރެވޭނެ ކަންކަމުގެ މުހިއްމު މައުލޫމާތު އެ ވޯކްޝޮޕްގައި ކިޔައި ދިނެވެ.